ޚަބަރު

ފަހު ވަގުތު ޑޭވީސް ކާމިޔާބުކޮށްދިން ލަނޑުން ބަޔާން ދެވަނަ ބުރަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ރޭ ސެލްޓިކް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގެ ފަހު ވަގުތު އަލްފޮންސޯ ޑޭވީސް ކާމިޔާބު ކޮށްދިން ލަނޑާއެކު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ބަޔާން މިއުނިކަށް ލިބިއްޖެ އެވެ.

މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި ސެލްޓިކްގެ ދަނޑުގައި ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެފައިވާއިރު ރޭގެ ނަތީޖާ އާއިއެކު ބަޔާން އަށް ކުރި ލިބިފައިވަނީ 3-2 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ހަތްދިހަ ފަސް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ސެލްޓިކް އަށް ރަގަޅު ހަތަރު ފުރުސަތެއް ލިބިފައިވާއިރު ބަޔާން މިއުނިކްގެ ހެރީ ކޭން ފޮނުވާލި ބާރު ހަމަލައެއް ވަނީ ސެލްޓިކްގެ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.

މި މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ ފޯވަޑް ހެރީ ކޭންގެ ބަދަލުގައި ކިންގްސްލީ ކޯމަން ކުޅެން އަރުވާފަ އެވެ.

ސެލްޓިކް އިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި ބަޔާން މިއުނިކްގެ ކިމް މިން-ޖައެ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ނިކޮލަސް ކޫން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ސެލްޓިކް އިން ލަނޑު ޖަހާ ކުރި ހޯދިތާ މިނިޓެއް ވެސް ނުވަނީސް ބަޔާންގެ ކޯޗު ކޮމްޕެނީ ވަނީ އެ ޓީމަށް ދެ ބަދަލު ގެނެސްފަ އެވެ. އެގޮތުން ރަފައެލް ގެރޭރޯ އާއި ސާޖޭ ނަބްރީގެ ބަދަލުގައި އަލްފޮންސޯ ޑޭވީސް އާއި ލެރޯއި ސާނޭ ވަނީ ކުޅެން އަރުވާފަ އެވެ.

އަދި މި ބަދަލުތަކާއިއެކު ބަޔާން މިއުނިކްގެ އެޓޭކްތައް އަވަސްވެ އިތުރަށް ނުރައްކާވެގެން ދިޔަތަންވަނީ ފެނިގެންގޮސްފަ އެވެ. އެގޮތުން އަލްފޮންސޯ ޑޭވީސް އާއި ލެރޯއި ސާނޭގެ އިތުރުން ޖޯޝުއާ ކިމިޗް ފޮނުވާލި ނުރައްކާތެރި ހަމަލަތަކެއް ސެލްޓިކްގެ ކީޕަރު ކެސްޕަރ ޝުމައިކަލް ވަނީ މަތަކޮށްފަ އެވެ.

މި މެޗުގައި ބަޔާން މިއުނިކް އިން ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގެ ހަތަރުވަނަ މިނިޓުގައި އަލްފޮންސޯ ޑޭވީސް އެވެ. މައިކަލް އޮލިސޭ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ޝުމައިކަލް މަތަ ކުރުމުން ހުސްކޮށް ހުރި އަލްފޮންސޯ ޑޭވީސް އަށް ލިބުމުން އޭނާ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

ބަޔާން މިއުނިކް ވަނީ ފާއިތުވެދިޔަ 17 އަހަރުވެސް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ.