ޚަބަރު

މޮނާކޯއާ އެއްވަރުކޮށް ބެންފީކާ ދެވަނަ ބުރަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފް ގައި ރޭ މޮނާކޯ އާއި ދެކޮޅަށް ބެންފީކާ ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ ދެވަނަ ބުރުގެ ޖާގައެއް ބެންފީކާ އިން ހޯދައިފި އެވެ.

ބެންފީކާ އަށް މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވަނީ ފުރަތަމަ ލެގު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާތީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ލިޒްބަންގެ ޑަލޫޒް ސްޓޭޑިއަމްގައި ރޭ ކުޅުނު ދެވަނަ ލެގުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެންގޮސްފަ އެވެ. މެޗުގެ 22 ވަނަ މިނިޓުގައި ބެންފީކާގެ ކެރެމް އަކްތޫރްކޮގްލޫ ވަނީ ލަނޑެއް ޖަހާ ބެންފީކާ އަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް އޭގެ ދިހަ މިނިޓު ފަހުން މޮނާކޯގެ ޓަކޫމީ މިނަމީނޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި މޮނާކޯގެ އެލިސީ ބެން ސޭގިރު ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ފުރަތަމަ ފަހަރަށް މި މެޗުގައި ކުރި ހޯދަދީފަ އެވެ.

ބޭންފީކާ އަށް މެޗުގެ 76 ވަނަ މިނިޓުގައި ލިބުނު ޕަންލްޓީ އަކުން ވެންގެލިސް ޕަވްލީޑިސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައިވެސް ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާފައިވަނީ ޕަވްލީޑިސް އެވެ.

މި މެޗުގައި މޮނާކޯ އިން ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 81 ވަނަ މިނިޓުގައި ޖޯޖް އިލެނިކޭނާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ ތިން މިނިޓު ފަހުން ބޭންފީކާގެ އޯކުން ކޮކްޗޫ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި ބެންފީކާ އާއި ދެކޮޅަށް ނިކުންނާނީ ބާސެލޯނާ ނުވަތަ ލިވަޕޫލް އެވެ.