ކުޅިވަރު

ހަމަދު ސްކޫލް އާއި ކަލައިދޫ ސްކޫލަށް ރަނގަޅު ފެށުމެއް


ލ. އަތޮޅުގެ ސުކޫލުތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ޝީޝާ ލާމަސީލު ލާމު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2025 ގައި ކުޅުނު ފުރަތަމަ މެޗުތަކުން ހަމަދު ސްކޫލް އާއި ކަލައިދޫ ސްކޫލް މޮޅުވެއްޖެއެވެ.

ލ. ގަމު ޒޯން ސްޓޭޑިއަމުގައި އިއްޔެ ފެށި މި މުބާރާތުގައި 11 ސްކޫލެއް ވަނީ ބައިވެރިވެފައެވެ. އެއާއެކު މުބާރާތް ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުން ގްރޫޕް ބީގައި ހިމެނޭ ހަމަދު ސްކޫލް މޮޅުވީ ލ. އަތޮޅު ތައުލީމީ މަރުކަޒު އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ހަމަދު ސްކޫލްގެ މުޙައްމަދު ރިފްދާން އަލީ އާއި، ނޫހު އިސްމާޢީލް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ހަމަދު ސްކޫލުން ކާމިޔާބުކުރި އަނެއް ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު އަނަސް މޫސާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަމަދު ސްކޫލްގެ ރިފްދާންއެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކޮށްފައިވަނީ ގްރޫޕް އޭގައި ހިމެނޭ އިހައްދޫ ސްކޫލް އާއި މާވަށު ސްކޫލެވެ. މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާވަށު ސްކޫލްގެ މުޙައްމަދު އިޔާން އާރިފެވެ.

މީގެ އިތުރުން މި މުބާރާތުގައި ރޭ ކުޅުނު ގްރޫޕް އޭގެ މެޗުގައި ކަލައިދޫ ސްކޫލުން ވަނީ 4-0 ގެ ނަތީޖާއަކުން ދަނބިދޫ ސްކޫލް ބަލިކޮށްފައެވެ. މި މެޗުގައި ކަލައިދޫ ސްކޫލްގެ ކެޕްޓަން ސައިފް ބިން ހަސަން އަފީފް ސުލައިމާން ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އައިކް އަބްދުﷲ އަލީ އާއި، ޒައިފް ބިން ހަސަން އަފީފް ސުލައިމާނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަލައިދޫ ސްކޫލްގެ ސައިފްއެވެ.

މި މުބާރާތުގެ މެޗުތައް މިއަދުވެސް ކުރިއަށްދާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހެވެ.