ދުނިޔެ

މަސްޖިދުއް-ނަބަވީ ކައިރީގައި ބޮމެއް ގޮއްވާލައިފި


މުސްލިމުންގެ ދެވަނައަށް އެންމެ މުޤައްދަސް ބިނާކަމަށްވާ މަސްޖިދުއް-ނަބަވީ ކައިރީގައި މިރޭ ދިން ބޮމުގެ ހަމަލާގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައި ނުވާކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަޣްރިބް ނަމާދު ވަޤުތާއި ދިމާކޮށް މަސްޖިދުއް-ނަބަވީ ކައިރީގައި ދިން ހަމަލާއާއި ގުޅިގެން ޚާރިޖީ ވަޒީރު ދުންޔާ މައުމޫންވަނީ، މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މި ހަމަލާގެ އަޑު އެއްސެވީ ކުއްލި ހިތާމައާއި ސިހުމާއިއެކުކަމަށް، މި ހަމަލާ ކުށްވެރިކުރައްވާ ކުރެއްވި ޓްވީޓެއްގައި ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި، މި ހާދިސާއާއި ގުޅޭ މަޢުލޫމާތު ސާފުކޮށްދެއްވުމަށް ޚާރިޖީ ވުޒާރާއިންވަނީ ހޮޓްލައިނެއް ޤާއިމްކުރައްވާފައިވާކަމަށާއި، ހޮޓްލައިން ނަމްބަރަކީ 7983400 ކަމަށްވެސް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

މި ހަމަލާ އަމާޒުކޮށްފައިވަނީ، މިސްކިތުގެ ބޭރުގައި ހުންނަ ކާރު ޕާކުކުރާ ސަރަހައްދުގައި ހުރި ސަލާމަތީ ޗެކްޕޮއިންޓަކަށެވެ.  މި ހަމަލާގައި ސަލާމަތީބާރުތަކުގެ ދެ މީހުން މަރުވެފައިވާކަމަށާއި، އިތުރު ހަތަރު މީހަކުޒަޚަމްވެފައިވާކަމަށް ސަޢޫދީ ނޫސްތަކުން ރިޕޯޓްކުރެއެވެ.  މި ހާދިސާގައި ބޮން ގޮއްވާލާފައިވަނީ، މަޣްރިބް ނަމާދު ވަޤުތާއި ދިމާކޮށްކަމަށްކަމަށާއި، މިސްކިތުގައި އެ ވަޤުތު ތިބި އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުންވެފައި ނުވާކަމަށްވެސް ސަޢޫދީ ގެޒެޓުން ރިޕޯޓްކުރެއެވެ. މި ހާދިސާއާއި ގުޅިގެން ސަޢޫދީ ސަލާމަތީ ބާރުތަކުން މިހާރުވަނީ މަސްޖިދުއް-ނަބަވީ ކައިރީގައި ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައެވެ.  

މި ހަމަލާގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ އިތުރު ދެ ސަރަހައްދެއްގައިވެސް ބޮމުގެ ޙަމަލާތައް ދީފައިވެއެވެ.  ސަޢޫދީ އަރަބިޔާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ތެރެއިން ފުރަތަމަ ޙަމަލާ، ޖިއްދާގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އޮފީހުގެ ކުރިމަތީގައި ދީފައިވާއިރު ދެވަނަ ޙަމަލާ ދީފައިވަނީ އެޤައުމުގެ އިރުމަތީ ސަރަހައްދުގެ ސިޓީއެއްކަމަށްވާ އަލްޤަތީފްގައި ހުންނަ ޝިޔައީންގެ މިސްކިތެއްގެ ކައިރީގައެވެ. ތިންވަނަ ހަމަލާދީފައިވަނީ މަދީނަތުލް މުނައްވަރާގައި ހުންނަ އަލްމަސްޖިދުއްނަބަވީގެ ހަރަމްފުޅުގެ  ކައިރީގައިވާ ކާރުޕާކްކުރާ ސަރަހައްދެއްގައެވެ.

ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެންތިބި 3 މީހުން އަމިއްލައަށް މަރުވެގެންދިން މިތިން ޙަމަލާގެވެސް ޒިންމާ އުފުލާފައިވަނީ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ. އައިއެސް ޖަމާއަތުގެ ނޫސް އެޖެންސީ "އަލްއަޢްމާޤް" އިން ބުނީ ސައޫދީ އަށް ދިން ޙަމަލާތަކުގެ ފަހަތުގައިވަނީ އެޖަމާއަތް ކަމަށާ އެހަމަލާތައް ރާވައި ތަންފީޒުކޮށްފައިވަނީ އެޖަމާއަތުގެ ހަނގުރާމަވެރިންކަމަށެވެ.

 ސައޫދީ ދާޚިލީ ވުޒާރާ ބުނާގޮތުން އަލްމަސްޖިދުއްނަބަވީގެ ޙަރަމްފުޅުގެ ކައިރީގައި އަމިއްލައަށް މަރުވެގެން ބޮމުގެ ޙަމަލާ ދީފައިވަނީ ޢަބްދުﷲ ގުލްޒާރު ޚާން ނަމަކަށްކިޔާ ޕާކިސްތާން މީހެކެވެ. އުމުރުން ތިރީސް ހަތަރު އަހަރުގެ މިމީހާ އަކީ އޭނާގެ ޢާއިލާއާއެކު ސައޫދީގައި ދިރިއުޅެމުން ގެންދާތާ ބާރައަހަރު ވެފައިވާ މީހެއްކަމަށް ސައޫދީ ދާޚިލީ ވުޒާރާއިން ބުނެއެވެ.

މިހަމަލާތަކާ ގުޅިގެން ސައޫދީ އިސް ދަންނަބޭކަލުންގެ ޖަމްއިއްޔާއިން ބުނެފައިވަނީ މިއީ އިސްލާމީ ޖަމާއަތުން ބޭރުވެގަނެގެންއުޅޭ ޚަވާރިޖުންގެ އަމަލެއްކަމަށެވެ. އަދި މިޙަމަލާތައް ތަންފީޒު ކުރި ޓެރަރިސްޓުންނަކީ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ އެންމެ ބޮޑެތި ފާފަތަކަށް އަރައިގަނެ ބިމުގައި ފަސާދަ ކުރަމުންގެންދިޔަ މާރިގުން ކަމަށްވެސް ސައޫދީ އިސް ދަންނަބޭކަލުންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއް ބުނެއެވެ. އަދި މާތްވެގެންވާ މަދީނާއަށް ދިން ޓެރަރިސްޓް ހަމަލާއަކީ އެރަށުގައިވާ މުސްލިމުންގެ ދެވަނަ ހަރަމްފުޅު ކަމަށްވާ އަލްމަސްޖިދުއްނަބަވީގެ ހުރުމަތް ކަނޑާލުމަށް ހިންގި ބޮޑުވެގެންވާ ޖަރީމާއެއްކަމަށްވެސް ސައޫދީ ދަންނަބޭކަލުންގެ ބަޔާނުގައި ސިފަކޮށްފައިވެއެވެ.

ސައޫދީ ގެ ތިންރަށެއްގައި ހިންގި މިޓެރަރިސްޓް ހަމަލާތައް ދުނިޔޭގެ އެކި ޤައުމުތަކުންވެސް ގެންދަނީ ކުށްވެރިކުރަމުންނެވެ. މިހަމަލާތައް ކުށްވެރި ކުރި ޤައުމުތަކުގެ ތެރޭގައި ގަތަރު، ޔޫ.އޭ.އީ، ކުވައިތު، ފަލަސްތީން، ޔަމަން އަދި ތުރުކީވިލާތް ހިމެނެއެވެ. އިރާގާއި ސޫރިޔާ އެކޭ އެއްގޮތަށް ސައޫދީ އަރަބިޔާއަކީވެސް އައިއެސް ޖަމާއަތުގެ ޓެރަރިސްޓް ހަމަލާތައް އަމާޒުވަމުންދާ ޤައުމެކެވެ.

ސައޫދީއަށް އައިއެސްއިން ދޭ ގިނަ ޙަމަލާތައް އަމާޒުކޮށްފައިވަނީ އެޤައުމުގެ އިރުމަތީ ސަރަހައްދުތަކުގައިވާ ޝިޔައީންގެ މިސްކިތްތަކަށެވެ. މިގޮތުން 2014 ވަނަ އަހަރު ސަޢޫދީ އަރަބިއްޔާގެ އަލްގަތީފްގައިވާ ޝިޔައީންގެ މިސްކިތަކަށް އައިއެސް ޖަމާއަތުން ދިން ޓެރަރިސްޓް ހަމަލާތަކެއްގައި 15 މީހުން މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލާފައިވެއެވެ.

 އައިއެސް ޖަމާއަތުން ސަޢޫދީގެ ތިން ރަށަކަށް ބޮމުގެ ޙަމަލާތައް ދީފައިމިވަނީ އެޖަމާއަތުން ތުރުކީވިލާތަށާއި އިރާގަށްވެސް ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއްދީފައިވާ ދަނޑިވަޅެއްގައެވެ. މިޙަމަލާތަކުގެ ތެރެއިން ތުރުކީވިލާތުގެ އަތާތުރްކު އެއަރޕޯޓަށް އައިއެސްއިން ދިން ޙަމަލާތަކުގައި ތިރީހަށްވުރެ ގިނަމީހުން މަރާލާފައިވާއިރު އިރާގުގެ ވެރިރަށް ބަޣްދާދުގެ ބާޒާރަކަށް ދިން ޙަމަލާތަކެއްގައި ސަތޭކަ ތިރީހަށްވުރެ ގިނަމީހުން މަރާލައި ދުއިސައްތައެއްހާ މީހުން ޒަޚަމްކޮށްލާފައިވެއެވެ.