ވަޒީފާއާބެހޭ ޤާނޫނުގައި ބާޔާންކޮފައިވާގޮތަށް ރަމަޟާންމަހުގެ އިނާޔަތް ފުރިހަމައަށް ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިލްތިމާސްކުރައްވައިފިއެވެ.
ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންޖެހެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ރަމަޟާން މަހުގެ އިނާޔަތް ދިންކަމުގައިވިޔަސް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވިދާޅުވެއެވެ.
ވަޒީފާއަދާ ކުރަމުންދާ ދިވެހި މުވައްޒަފުންނަށް ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރަމަޟާންމަހުގެ އިނާޔަތް ލިބިފައިނުވާތީ ފާއިތުވި އަހަރު ގިނަ މައްސަލަތަކެއް އެ އޮތޯރިޓީއަށް ހުށަހަޅާފައިވެއެވެ.
އެ އޮތޯރިޓީން ވިދާޅުވީ ރަމަޟާންމަހުގެ އިނާޔަތް ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންވާނެކަމަށެވެ. އަދި ވަޒިފާގައި ތިބި ވަގުތީ މުވައްޒަފުންނާއި ޕްރޮބޭޝަންގައި ތިބޭ މުވައްޒަފުންނަށް އަދި ޤާނޫނުން ލިބިދޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށްވެސް އެ އިނާޔަތް ޙައްޤުވާނެކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ ހުރިހާ ފަރާތްތަކުންވެސް ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރަމަޟާންމަހުގެ އިނާޔަތް ދިނުމަށް ހަނދާންކޮށްދީފައެވެ. އަދި ރަމަޟާން މަސް ފެށޭއިރު ވަޒީފާއަދާކުރާ ދިވެހި މުވައްޒަފުންނަށް އިނާޔަތް ލިބިފައިނުވާނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ ހުޅުވާލާފައެވެ.
މާލީ ވުޒާރާއިން ވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދިނުމަށް ޤާނޫނުން ބުނެފައިވާ 3،000 ރުފިޔާ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ދިނުމަށް އަންގަވާފައެވެ.