ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް 3 ދުވަހުގެ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެެފޭއަރ، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް ވިޖީތާ ހެރަތުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 21 ގެ ނިޔަލަށެވެ.
ސްރީލަންކާއަށް ކުރައްވާ މިދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައާއި، ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔެއާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން އެ ޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތަ ހެރަތުއާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރަސްމީ މަޝްވަރާތައްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އަމިއްލަ ބައެއް ފަރާތްތަކާއެކު ބައްދަލުކުރައްވާ ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ވަޒީރު ލަންކާއަށް މި ވަޑައިގަންނަވަނީ އޮމާންގެ ވެރިރަށް މަސްކެޓުގައި ކުރިއަށް ދިޔަ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފަހުއެވެ.
Travelling to #SriLanka on the invitation of the Minister of Foreign Affairs of Sri Lanka, Hon. Vijitha Herath.
— Abdulla Khaleel (@abkhaleel) February 18, 2025
Looking forward to productive discussions with Foreign Minister @HMVijithaHerath to further strengthen and elevate neighbourly relations that exist between our two…
މިދަތުރުފުޅާއި ގުޅިގެން މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައި، ވަޒީރު ޑރ. ޚަލީލް ވަނީ، ލަންކާގެ ޚާރިޖީ ވަޒީރާއި އެއްކޮށް ބާއްވާ ބައްދަލުވުމުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.