މި އަހަރުގެ ރަމަޟާން މަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9އިން މެންދުރު 1އަށް ކަމަށް ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުން ނެރުއްވެވި އެންގެވުމެއްގައި ވިދާޅުވި މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ކުރިއެކޭވެސް އެއްގޮތަށް، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.
ހިޖުރައިން 1443ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ކަނޑައަޅުއްވައިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 6 މާރިޗު 2022 ގައި ނެރުއްވި ދެންނެވުމުންނެވެ.
ކޮންމެ އަހަރެއްގައިވެސް ރަމަޟާން މަހުގެ މަސައްކަތު ގަޑި އާންމު މަސްތަކަށްވުރެ ކުރެވެެ. އެއީ ލުއިފަސޭހަކުރުމާއި އަދި ދީނީ ކަންކަމުގައި ޝާމިލުވެ އުޅުމަށް ވަގުތު ދެއްވުމަށް ގެންނަ ބަދަލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢީއްޒު ވަނީ މިދިޔަ އަހަރުން ފެށިގެން ރަމަޟާން މަހުގެ ފަހު 10 ބަންދުކުރެއްވުމަށްވެސް ނިންމަވާފައެވެ. އެއީ އަޅުކަމާ ދީނީ ކަންކަމުގައި ޝާމިލުވެ އުޅެން ފުރުޞަތު ރައްޔިތުންނަށް ދެއްވުމަށް ގެންނެވި ބަދަލެކެވެ.