ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތަޢުލީމަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ރައްޔިތުންގެ މަޖިލީހާ ގުޅިގެން ފަށާފައިވާ މި ޕްރޮގްރާމުގައި ހިންގުމަށް ހަމަޖެހިފައިވަނީ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެކެވެ.
1 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ޔުނިވަރސިޓީގެ އިސްވެރިން އަދި ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރަރުންނާއެކު އެ ޔުނިވަރސިޓީގައި ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އައިޔޫއެމް ގައި ބޭއްވުނު މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅުގައި މިފަދަ ކޯހެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ޢިލްމީގޮތުން ޤާބިލު މެންބަރުންތަކެއް ތިބި އަދި ޢިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެއްދެވުމަށް ބޭނުންފުޅުވާތީކަމުގައި ވިދާޅުވިއެވެ.
މިކަމަކީ 20 ވަނަ މަޖިލީސް އިންތިޚާބުވުމާއެކު ރައީސުލްޖުމްހޫރިއްޔާވެސް ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމެއްކަން ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމަކީ ކޯހުގައި ކިޔެވުމަށް އެންރޯލް ކުރެއްވި މަޖިލީހުގެ މެންބަރުންނަށް ކޯހާ ބެހޭ ގޮތުން އަދި ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ޔުނިވަރސިޓީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި މިފަދަ ފުރުޞަތެއް އައިޔޫއެމް އަށް ދެއްވިކަމަށްޓަކައި މަޖީލީހުގެ ރައީސަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި ކޯހުގެ ކިޔެވުން ކުރިއަށް ގެންދާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅުއްވާފައިވާ ކޮލިޓީ އެޝުއަރެންސް މިންގަނޑުތަކާ އެއްގޮތަށްކަންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ވަޙީދާއާއި ރަޖިސްޓްރަރ އަލްއުސްތާޛް އަޙްމަދު ރައޫފް ޢަބްދުﷲ ވަނީ ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަޖިލީހުގެ މެންބަރުންނަށް ބެޗްލަރ ޑިގްރީ ކޯހެއްވެސް ދާދިއަވަހަށް ފެށުމުގެ އިދާރީ މަސައްކަތްތަކެއް މިހާރު ކުރަމުންދާކަމަށް އައި.ޔޫ.އެމް އިން މައުލޫމާތުދެއެވެ. އައިޔޫއެމް އަކީ ސްޓޭޓް-އޮފް-ދި އާޓް މޫޓް ކޯޓަކާއެކު ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުޅާދާއިރާއެއްގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީ އާ ހަމައަށް ކޯސް ހިންގާ ޔުނިވަރސިޓީއެކެވެ.