ދޯހާގައި މިހާރު ކުރިއަށްދާ ގަތަރު އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޖެކް ޑްރެޕާ އާއި ކާލޯސް އަލްކަރާޒް ހޯދައިފިއެވެ.
މި މުބާރާތުގައި އަށް ވަނަ އަށް ސީޑު ކޮށްފައިވާ އިންގްލޭންޑްގެ ޑްރެޕަރ މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އެލެކްސޭ ޕޮޕިރިން އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ހައެއް ދޭއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މިދިޔަ ޖެނުއަރީ މަހު ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ކާލޯސް އަލްކަރާޒް އާއި ދެކޮޅަށް ކުޅެނިކޮށް ލިބުނު އަނިޔާގެ ސަބަބުން އެ މެޗު ދޫކޮށްލި ޑްރެޕަރ ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާއެކު ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓުގައި އޭނާއަށްވަނީ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ.
މި މުބާރާތުގައި އެއްވަނައަށް ސީޑު ކޮށްފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ޔޫއެސް އޯޕަންގެ ކުރީގެ ޗެމްޕިއަން މަރިން ސިލިޗް އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ހަތަރެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރުމަށްފަހުގަ އެވެ.