ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ފަޅުރަށަކުން 9 މީހުން ހައްޔަރުކޮށްފި


  • ހައްޔަރުކުރީ 3 ދިވަހިންނާ 5 ބިދޭސީން

  • އެމީހުންގެ އަތުން ބަނގުރަލާ މަސްތުވާތަކެތި ފެނިފައިވޭ

ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 9 މީހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފަވަނީ 3 ދިވަހިންނާއި 5 ބިދޭސީންނެވެ.

މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެންނެވެ.

މި މަހުގެ 15 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާރިކިލުން މި 9 މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 9 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރ. އިނގުރައިދޫ / ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ) ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލައި އަދި ދެންތިބި 8 މީހުން ވެސް 15 ދުވަހަށް ބަނދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ޖަވާހިރުވާދީ، މާލެ، އަލްޙާން ރަޝީދު ޙުސައިން (49އ) އާއި ޏ. ފުވައްމުލައް / ދިގުވާނޑު، ހޮލެންޑް، މަރްޔަމް ރިފާޢު ( (25އ) އާއި ރ. އިނގުރައިދޫ / ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ) އާއި ކުމަރެސަން ޗިންނައިއަ، އިންޑިއާ (20އ) އާއި ދިނޭޝް ސައްމިޔައްޕަން، އިންޑިއާ (29އ) އާއި އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، ސްރީލަންކާ (39އ) އާއި ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ (46އ) އާއި މުޙައްމަދު މައްސޫދު، ބަނގުލަދޭޝް (46އ) އަދި ސަބެޝަން ނަހާރަޖަ، ސްރީލަންކާ (31އ) އެވެ.

މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުންނެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.