ފަތުރުވެރިކަމާއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ ފަތުރުވެރިކަމާއި ސަގާފަތާ ބެހޭ ވަޒީރު މެހެމަތު ނޫރީ އެރްސޯއީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުން ބާއްވާފައިވަނީ ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ އެޤައުމުގެ ފަތުރުވެރިކަމާއި ސަގާފަތާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު ފަތުރުވެރިކަމާއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، އެ ދެ ދާއިރާ އިތުރަށް ކުރިއެރުވުމުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުވާލައްވާފައެވެ.
އަދި ދެގައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުތައް ކުރާ މިންވަރު އިތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކަށް ވަނީ އަލިއަޅުއްވާލާފައެވެ.
މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، ޢަބްދުލްވާރިޘް ސަޢީދު އާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އިސްމާއީލް ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.