އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އިޕްސްވިޗް ޓައުންއާ ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
އެސްޓަން ވިލާގެ ވިލާ ޕާކުގައި ސާޅީސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު މެޗުގެ ފަހު 60 މިނިޓު އިޕްސްވިޗް އިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މި މެޗުން އިޕްސްވިޗަށް ޕޮއިންޓެއް ލިބުނު ނަމަވެސް އަދިވެސް އެ ޓީމަށް 25 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު އޮތީ ރެލިގޭޝަނުގެ ޒޯނުގައި ތާވަލުގެ 18 ވަނައިގަ އެވެ. އެސްޓަން ވިލާއަށް ލިބިފައިވާ 38 ޕޮއިންޓާއެކު އެ ޓމު އޮތީ ތާވަލުގެ 9 ވަނައިގަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލައެއް ފޮނުވާލެވިފައެއް ނުވެއެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން 5 މިނިޓަށް ވެފައިވަނިކޮށް ޕެނަލްޓީ އޭރިޔާ ކައިރިން އެސްޓަން ވިލާގެ ޖޭކޮބް ރަމްސޭއަށް ފައުލް ކުރުމާއި ގުޅިގެން ރެފްރީ ވަނީ އިޕްސްވިޗްގެ އެކްސެލް ޓުއަންޒޭބޭ އަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިއިރު އިޕްސްވިޗް އިން އެއް ކުޅުންތެރިއަކު މަދުން ކުޅުމުގެ ފައިދާ ނަގާ އެސްޓަން ވިލާއިން ގޯލުތަކެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި އިޕްސްވިޗް ޓައުންގެ ލިލިއަމް ޑިލަޕް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އެސްޓަން ވިލާއިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 69 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް މާކަސް ރަޝްފޯޑް ފޮނުވާލުމުގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށް ނިކުތް ވަގުތު އޮލީ ވޮޓްކިންސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑުންނެވެ. މިއީ މި ސީޒަނުގައި އޮލީ ވޮޓްކިންސް ޖެހި 11 ވަނަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި އެސްޓަން ވިލާއަށް ގެނައި ބަދަލުތަކާއިއެކު އެ ޓީމުގެ ކުޅުން ރަގަޅުވި ނަމަވެސް އިތުރު ގޯލެއް ޖެހޭ ގޮތް އެ ޓީމަށް ވަނީ ނުވެފަ އެވެ.