ޚަބަރު

ސައުތެމްޓަން ބަލިކޮށް ބޯންމަތު ފަސްވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ފަސްވަނަ މަގާމު ބޯންމަތުން ހޯދައިފިއެވެ.

މި މެޗުން މޮޅުވުމާއެކު ބޯންމަތަށް ވަނީ 25 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމު ލިބިފައެވެ. ހަވަނައިގައި އޮތް ޗެލްސީއަށް ވެސް 43 ޕޮއިންޓް ލިބިފައިވާއިރު ބޯންމަތަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ފުލުގައި އޮތް ސައުތެމްޓަންއަށް 25 މެޗުން ލިބިފައިވަނީ އެންމެ 9 ޕޮއިންޓެވެ.

ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި ބޯންމަތުން ވަނީ ލަނޑު ޖަހާ ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑެންގޯ އޮޓާރާ އެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ޖެހި ހަތްވަނަ ލަނޑެވެ.

އަދި އޭގެ ދެ މިނިޓު ފަހުން ރަޔާން ކްރިސްޓީ ވަނީ އިތުރު ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

މެޗުގެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ ބޯންމަތުން ދެވަނަ ހާފުގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލި ނަމަވެސް ގޯލަކަށް ބަދަލުނުވެ އުޅެނިކޮށް ސައުތެމްޓަންގެ ކަމަލްޑީން ސުލެމާނާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ބޯންމަތުން ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މާކަސް ޓެވާނިއާއެވެ.