ޚަބަރު

މި އަހަރު އެންމެ ބޮޑު އިސްކަމެއްދޭނީ ސިންތެޓިކް ޓްރެކް ރަނގަޅުކުރުމަށް: އެތުލެޓިކްސް އެސޯސިއޭޝަން


މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ ވޯލްޑް އެތުލެޓިކްސް އާއި ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން މާލެ އާއި ހުޅުމާލޭގައި އޮންނަ ސިންތެޓިކް ޓްރެކުތަކުގެ ތެރެއިން އެއް ޓްރެކް ނަމަވެސް މަރާމާތުކޮށް، ސިންތެޓިކް ސާފޭސް ރަނގަޅުކުރުމަށް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަޙްމަދު އަޒީލް ވިދާޅުވެއްޖެއެވެ.

އިއްޔެ ހުޅުމާލޭ ސިންތެޓިކް ސްޓޭޑިއަމްގައި ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާއަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި އަޒީލް ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި އޮންނަ ދެ ސިންތެޓިކް ސާފަސްވެސް މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިކަމަށާއި، އެކަމުގެ ސަބަބުން އެތްލެޓިކްސް ހަރަކާތްތައް ބޭއްވުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ފޯކަސް ވަރަށް ބޮޑަށް އެބައޮތް ހާއްސަކޮށް މާލެ ސަރަހައްދުގެ ސިންތެޓިކް ސާފަސް ނުވަތަ ހުޅުމާލެ ކޮޅުގައި އޮތް ސާފަސް ރަނގަޅު ކުރުން" އަޒީލް ވިދާޅުވިއެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި އޮންނަ ސިންތެޓިކް ސާފަސްގެ އިތުރުން އެތްލެޓިކް ހަރަކާތްތައް ބޭއްވޭނެ ތަނެއް މާލެ ސަރަހައްދަކު ނޯވެއެވެ.

މާލެ ސަރަހައްދުން ބޭރުގައި މުބާރާތެއް ބާއްވާނަމަ އާންމުކޮށް ބިޑް ހުށަހެޅުމަށް ހުޅުވާލުމުން އިޖާބަދޭ ރަށްތަކަކީ ހދ. ކުޅުދުއްފުށީ ސިޓީ އާއި، އައްޑޫ ސިޓީ އާއި ތިނަދޫ ސިޓީ ނުވަތަ ފުވައްމުލައް ސިޓީންނެވެ.

އުތުރުގައި އޮންނަ ހަމައެކަނި ސިންތެޓިކް ޓްރެކް އޮންނަނީ ކުޅަދުއްފުށި ސިޓީގައި އެކަނި ކަމަށް އަޒީލް ފާހަގަ ކުރެއްވިއެވެ.

މާލޭ އެކުވެނީގައި އެތްލެޓިކްސް ހަރަކާތްތައް ބޭއްވުމަށް އެކަށީގެންވާ ސިންތެޓިކް ޓްރެކެއް އެންމެ ފުރަތަމަ އަޅާފައިވަނީ 2021 ވަނަ އަހަރެވެ. އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ސިންތެޓިކް ސާފަސް އެޅުމަށްފަހު ރަސްމީކޮށް އެ ޓްރެކް ހުޅުވީ 16 ޖެނުއަރީ 2021 ގައެވެ.

މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތުކުރަން ފެށީ 2020 ގެ ޖޫން މަހުގެ 22 ވަނަ ދުވަހެވެ.

އޭގެ ފަހުން އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އަޅާ ސިންތެޓިކް އެޅުމުގެ މަސައްކަތް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) ހަވާލުކޮށްގެން ގެންދިޔައިރު މިހާރު އެޓްރެކް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އަދި ޖާގައިގެ ދަތިކަމާއި، އެސޯސިއޭޝަންތަކަށް ހާއްސަކޮށްފައިވާ ވަގުތުގައި ޓްރެކަށް ވަންނަ އާންމުންގެ ސަބަބުން އެތްލެޓިކްސް ހަރަކާތްތަކަށް އެކަށީގެންވާ ޖާގަ ނުލިބުމާއި ފަރިތަކުރުންތަކަށް ދަތިވުމަކީ އެސޯސިއޭޝަންތަކުން ޝަކުވާއެކެވެ.

މާލޭގައި ކަސްރަތު ކުރާ މީހުންނަށްވެސް ސިންތެޓިކް ޓްރެކަކަށް ބޭނުން ކުރެވެން އޮންނަނީ ހަމައެކަނި އެކުވެނި ޓްރެކެވެ.

މާލޭ އެކުވެނި ޓްރެކަކީ ކުރިން ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބޭއްވުމަށް ބޭނުންކުރި ދަނޑުގައި ވަނީ ކުޅެފައެއެވެ.

ޑރ. މުޙައްމަދު ޒާހިރު ހުސައިން ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު މާލޭގެ އެކި ދަނޑުތަކުގައި ވިނަ ހެއްދުމަށް ފެށި ޕްރޮގްރާމާއެކު، ޓްރެކް ދަނޑުގައިވެސް އޭރު ވިނަ ހައްދާ ތަރައްގީކުރީ 1990 ގެ އަހަރުތަކުގައެވެ.

އެކުވެނީގައި ވަޅުގަނޑުތައް ހެދި ވިއްސާރަ ދުވަސްވަރު ފެން ބޮޑުވުމާއި ޗަކަ ހެދުމުގެ ސަބަބުން އެތަން ބޭނުން ނުކުރެވި ބޮޑު މަރާމާތެއް ކުރަން ޖެހުނެވެ. އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅިއިރު، އޭގެ ކުރިން ހުޅުމާލޭގައި ސިންތެޓިކް ޓްރެކެއް ގާއިމުކުރިއެވެ. އޭގެ ފަހުން ގައުމީ އެތްލެޓީކްސް މުބާރާތްތައް ބޭއްވުމާއި ބައިނަލްއަގްވާމީ މުބާރާތްތަކަށް އެތްލީޓުން ފަރިތަކުރުންތައްވެސް ބާއްވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.