މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ. އެގޮތުން ކުއާޓާއިން ޖާގަ ހޯދާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ބ. އޭދަފުއްޓާއި، ލ. ގަމާއި، އދ. މަހިބަދޫ އާއި، ހދ. ނައިވާދޫ އާއި، އއ. މަތިވެރީގެ އިތުރުން ގދ. ވާދޫ އާއި، ވިލިމާލެ އަދި ކ. ކާށިދޫންނެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓާގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށިން ހޯދީ ރޭ ކުޅުނު ގަދަ 16 ބުރުގެ މެޗުގައި 3-2 ގެ ނަތީޖާއަކުން ފުވައްމުލައް ސިޓީ ދަޑިމަގު ބަލިކުރުމަށްފަހުއެވެ. މި މެޗުގައި އޭދަފުށީގެ އަލީ ނަސީމް ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑަކީ ދަޑިމަގުގެ ކެޕްޓަން މުޙައްމަދު ސާދު ނިޒާރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ދަޑިމަގުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ގޯލްކީޕަރު އިސްމާޢީލް ފާތިހާއި، އަޖުމަލް އަޙްމަދެވެ.
މި މުބާރާތުގެ ކުއާޓާއަށް ގަން ދަތުރުކުރީ ގަދަ 16 ބުރުގެ މެޗުގައި ޕެނަލްޓީ ޖަހައިގެން ރ. އިނގުރައިދޫ ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެގޮތުން ފުރަތަމަ ހާފުގައި އަޙްމަދު ހަލީމް ކާމިޔާބުކޮށްދިން ލަނޑާއެކު ގަމުން ލީޑު ނެގި ނަމަވެސް، މެޗު ނިމެން ގާތްވެފައި ވަނިކޮށް އިނގުރައިދޫން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ އަލީ ފާތިހެވެ.
އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ގަމުން ވަނީ ނުވަ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ. އެކަމަކު އިނގުރައިދުއަށް ކާމިޔާބުކުރެވުނީ އަށް ޕެނަލްޓީއެވެ.
މި މުބާރާތުގެ ކުއާޓާގެ ޖާގައެއް ނައިވާދޫން ހޯދީ ގަދަ 16 ބުރުގައި ރޭ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މައްޗަންގޯޅި ބަލިކުރުމަށްފަހުއެވެ. މި މެޗުގައި ނައިވާދޫގެ މުޙައްމަދު ޝާއިން އާއި އަޙްމަދު ހަމީދު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާޢީލް ވަހީދު އާއި، ޔޫސުފް ޝާއިފް އަދި އަބްދުﷲ ވިސާމެވެ.
މީގެ އިތުރުން ކުއާޓާއަށް މަހިބަދޫ ދަތުރުކުރީ ގަދަ 16 ބުރުގައި ރޭ ފ. ދަރަނބޫދޫ އަތުން 5-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި މަހިބަދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ މިދުހަތު ފަހުމީ އާއި، އަޙްމަދު ޒިފާން އިބްރާހީމާއި، ޝުއައިދު ސައީދުގެ އިތުރުން ގާސިމް ސައްމާމް އާއި އިބްރާހީމް އުސާމާ ހަސަން މަޖީދެވެ. މި މެޗުގައި ދަރަނބޫދޫގެ ކެޕްޓަން މުޒްދާން ހަސަން ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ސާޖިދު އަޙްމަދު އިބްރާހީމެވެ.
މި މުބާރާތުގެ ކުއާޓާއިން މަތިވެރި ޖާގައެއް ހޯދީ ގަދަ 16 ބުރުގައި ޕެނަލްޓީ ޖަހައިގެން ދ. ކުޑަހުވަދޫ ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މެޗުގައި ކުޑަހުވަދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ޖުމައިލް ޖަމީލް އާއި، މުޙައްމަދު އަރީޝް އަދި ކީޕަރު އަބްދުލް މާނިއުއެވެ. އަދި މަތިވެރީގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ފިރާޝް އާއި، ކީޕަރު މުޙައްމަދު އިމްރާން އަދި މުޙައްމަދު ޝަފުރާޒެވެ.
އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި މަތިވެރިން ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.
މީގެ އިތުުރުން ވާދޫން ވަނީ ގަދަ 16 ބުރުގައި ޕެނަލްޓީ ޖަހައިގެން ހއ. ދިއްދޫ ބަލިކޮށް، ކުއާޓާގެ ޖާގައެއް ހޯދާފައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެގޮތުން މި މެޗުގައި އަބްދުﷲ އާހިލް އަލީގެ ލަނޑުން ވާދޫން ލީޑު ނެގިއިރު، ދިއްދުއަށް ނަތީޖާ އެއްވަރުކޮށްދިނީ ހައިޝަމް ރަޝީދެވެ.
އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ވާދޫން ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގައި ރޭ ކުޅުނު ގަދަ 16 ބުރުގެ މެޗުގައި ޕެނަލްޓީ ޖަހައިގެން ތ. ތިމަރަފުށި ކަޓުވާލުމަށްފަހު ކާށިދޫން ވަނީ ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
އެގޮތުން މި މެޗުގައި ތިމަރަފުށިން ލީޑު ނެގީ ކާށިދޫގެ ކެޕްޓަން އަކުމަލް މުޙައްމަދު އަތުން ބައިކޮޅަށް ވަން ލަނޑާއެކުއެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ކެޕްޓަން އާދަމް ނާސިހުއެވެ. އަދި މި މެޗުގައި ކާށިދޫގެ އަބްދުﷲ ސުޒައިރު ލަނޑެއް ޖެހިއިރު، އެ ޓީމުގެ ދެވަނަ ލަނޑަކީ ތިމަރަފުށީގެ ގޯލްކީޕަރު މުޙައްމަދު ސަރުހާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އެހެންކަމުން މި މެޗުގައި ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ކާށިދޫން ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.
މީގެ އިތުރުން ވިލިމާލޭން ވަނީ ރޭ ކުޅުނު ގަދަ 16 ބުރުގެ މެޗުގައި 4-2 ގެ ނަތީޖާއަކުން ރ. ދުވާފަރު ބަލިކޮށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި މެޗުގައި ވިލިމާލޭގެ އަބްދުﷲ ޝައްފާން ހެޓްރިކް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އިސްމާޢީލް ވަޖީހެވެ. އަދި ދުވާފަރުން މި މެޗުގައި ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޖުމާން އަޙްމަދާއި، މުޙައްމަދު އިސާމެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހެވެ.