ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 59 ވަނަ ގައުމީ ކްރިކެޓް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ މިލާން ކްރިކެޓް އެކެޑަމީން ހޯދައިފިއެވެ. މިލާނުން ފައިނަލުގެ ޖާގައެއް ހޯދީ އިއްޔެ ހެނދުނު ކުޅުނު ސެމީ ފައިނަލް ފަހު މެޗުގައި 73 ލަނޑުން އެމްއެސް ހެލްޕިން ހޭންޑްސް ސްޕޯޓްސް އެކެޑަމީ ބަލިކުރުމަށްފަހުއެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުޅުނު މި މެޗުގެ ގުރުދިމާވުމުން އެމްއެސް ހެލްޕިން ހޭންޑްސް ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު މިލާން އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ވަނީ 257 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 111 ބޯޅައިން 123 ލަނޑު ހެދި ޔޫސުފް އަޒިޔާންއެވެ. އަދި އެ ޓީމުގެ އިސްމާޢީލް ނަޒްވާން އާއި ޔައުގޫބް ސަލްމާން މުޒައްމިލް ވަނީ ކޮންމެ ކުޅުންތެރިއަކު 24 ލަނޑު އެއްކޮށްފައެވެ. މި އިނިންގްސްގައި އެމްއެސް ހެލްޕިން ހޭންޑްސްގެ ތަރޫޝާ ކަވިންދަ ވަނީ 10 އޯވަރުގައި 45 ލަނޑަށް 5 ވިކެޓް ނަގާފައެވެ.
ޖަވާބުގައި އެމްއެސް ހެލްޕިން ހޭންޑްސް ކުޅެން އަރައި 45.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 184 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 67 ބޯޅައިން 49 ލަނޑު ހެދި ލަހިރު އާއި 37 ބޯޅައިން 28 ލަނޑު އެއްކުރި ސަވިންދުރާއެވެ. މި އިނިންގްސްގައި މިލާންގެ އަމީލް އަޙްމަދު މައުރޫފް ވަނީ 10 އޯވަރުގައި 21 ލަނޑަށް 3 ވިކެޓް ނަގާފައެވެ.
މި މޮޅާއެކު ފައިނަލުގެ ޖާގައެއް މިލާން ކްރިކެޓް އެކެޑަމީން ހޯދިއިރު، މި މަހުގެ 21 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގައި އެ ޓީމު ނުކުންނާނީ ސީބީއެލް ސްޕޯޓްސްއާ ދެކޮޅަށެވެ. ފައިނަލަށް ސީބީއެލް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި 8 ވިކެޓުން މާލޭ ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ.