ކުޅިވަރު

ޑަކެޓް ފިޓްވެ، އިނގިރޭސިންގެ އުއްމީދު އައުވެއްޖެ


އިތުބާރު ބެޓްސްމަން ބެން ޑަކެޓް މުޅިން ފިޓްވެ، ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތް ކާމިޔާބުކުރަން އިނގިރޭސިން ކުރާ އުއްމީދަށް ދިރުން ލިބިއްޖެއެވެ.

އިނގިރޭސި ގައުމީ ޓީމުގައި ގަވާއިދުން ގިނަ ފޯމެޓްތަކެއްގައި ކުޅެމުން އައި ކުޅުންތެރިޔާއަށް އަނިޔާވީ ބުދަ ދުވަހު އިންޑިޔާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ނަމަވެސް ޓެސްޓްތަކަށް ފަހު މިހާރު ޑޮކްޓަރުން ބުނަނީ ވާތުން ކުޅޭ ކުޅުންތެރިޔާގެ އުކުޅުވަޅަށް ލިބުނު އަނިޔާ ރަނގަޅު ކަމަށެވެ.

"ސްކޭން ތަކުން ދައްކަނީ އޭނާ ފިޓް ކަމަށް. ނުކުޅެވޭ ވަރުގެ ކަމެއް ނެތް ކަމަށް،" އިނގިރޭސި ކްރިކެޓް ބޯޑުން ބުންޏެވެ.

ޕާކިސްތާނުގައި އަންނަ ބުދަ ދުވަހު ފަށާ މުބާރާތް އިނގިރޭސިން ހުޅުވާނީ ވާދަވެރި އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

"އިނގިރޭސި ޓީމު ޕާކިސްތާނަށް ދާނީ އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅެންޖެހޭ މެޗަށް ވަގުތު އޮއްވައި މި މަހުގެ 18 ވަނަ ދުވަހު،" އިނގިރޭސި ކްރިކެޓް ބޯޑުން ބުންޏެވެ.

މުބާރާތުގެ ދެ ވަނަ މެޗުގައި އިނގިރޭސިން ކުޅޭނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އަފްޣާނިސްތާނާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެކުނު އެފްރިކާއާ ދެކޮޅަށް ނުކުންނާނީ މާޗު މަހުގެ ދެވަނަ ދުވަހު އެވެ. މި މަހުގެ 19 އިން އަންނަ މާޗު މަހުގެ 9 އަށް ޕާކިސްތާނުގައި ބާއްވާ މުބާރާތުގައި ކުޅޭނީ އަށް ގައުމެކެވެ.