އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 52000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން ޗައިނާއިން ރާއްޖެއަށް ވަނީ 52،107 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 27.4 އިންސައްތަ އިތުރު އަދަދެކެވެ. މި މުއްދަތުގައި މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 40،892 ފަތުރުވެރިންނެވެ.
މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އަދި 2023ވަނަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް 3ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.
ގައުމީ އެއަރލައިން މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާގެ ތިން ސިޓީއަކަށް ދަތުރުކުރަން ފެށުމާއެކު ޗައިނާއިން ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ގިނަވެފައިވާކަން ފާހަގަކުރެވެއެވެ.
ޗައިނާގެ އިތުރުން ފަތުރުވެރިންގެ އަދަދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވާ ޤައުމުތަކަކީ ރަޝިޔާ، އިނގިރޭސިވިލާތް، އިޓަލީވިލާތް، އަދި ޖަރުމަންވިލާތެވެ.
* ރަޝިއާ – 30،560 ފަތުރުވެރިން
* އިންގިރޭސިވިލާތް – 29،792 ފަތުރުވެރިން
* އިޓަލީވިލާތް – 28،554 ފަތުރުވެރިން
* ޖަރުމަންވިލާތް – 18،947 ފަތުރުވެރިން
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 318،190 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 294،923 ފަތުރުވެރިންނާ އަޅާ ބަލާއިރު 7.9 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރުގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން މިއަހަރަށް ހިފާފައިވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒުކަމަށެވެ. ނިމިދިޔަ 2024 ވަނަ އަހަރު ސަރުކާރުން ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒެވެ. އަދި މި އަމާޒު މިދިޔަ ޑިސެންބަރު މަހު ވަނީ ހާސިލްކޮށްފައެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.