ޚަބަރު

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 125 މިލިޔަނަށް; މިއީ %17ގެ ކުރިއެރުމެއް


  • 2024ވަނަ އަހަރު ޑޮލަރުން ލިބުނީ 104 މިލިޔަން

  • މިދިޔަ މަހު އެންމެ ގިނައިން ޑޮލަރުން އާމްދަނީ ލިބުނީ ޓީޖީއެސްޓީން

މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 125 މިލިޔަނަށް އަރާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖަނަވަރީ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %17 އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހު 125 މިލިޔަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހު މި އަދަދު ހުރީ 104 މިލިޔަން ޑޮލަރުގައެވެ.

މިދިޔަ މަހު ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ގުޑްސް އެންޑް ސަރވިސް ޓެކްސް، ޓީޖީއެސްޓީންނެވެ. އެ ގޮތުން މިދިޔަ މަހު ޓީޖީއެސްޓީގެގޮތުގައި 69 މިލިޔަން ޑޮލަރު ލިބިފާވާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބިފައިވަނީ 61 މިލިޔަން ޑޮލަރެވެ.

ޖަނަވަރީ މަހު އެހެނިހެން ޓެކްސްތަކުން ޑޮލަރުން ލިބުނު އާމްދަނީ:

• ޑިޕާޗަރ ޓެކްސް - 2025ގައި 7.3 މިލިޔަން ޑޮލަރު / 2024ގައި 6.4 މިލިޔަން ޑޮލަރު
• އިންކަމް ޓެކްސް - 2025ގައި 28.9 މިލިޔަން ޑޮލަރު / 2024ގައި 16.5 މިލިޔަން ޑޮލަރު
• ގްރީން ޓެކްސް - 2025ގައި 7 މިލިޔަން ޑޮލަރު / 2024ގައި 6.4 މިލިޔަން ޑޮލަރު

ތަފާސްހިސާބުތައް ދައްކާގޮތުން ނިމުނު ޖެނުއަރީ މަހު މީރާއަށް 3.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މީގެ ތެރޭގައި ހިމެނެނީ 1.4 ބިލިޔަން ރުފިޔާ އާއި، 125 މިލިޔަން ޑޮލަރެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ އަދަދަކީ އެމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެއް %5 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ވިދާޅުވެއެވެ.