ޚަބަރު

އެސްޓީއޯއިން ހެޔޮ އަގެއްގައި ފިޔާ ވިއްކަން ފަށައިފި


  • އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ 16 ރުފިޔާއަށް

  • ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު މިހާރު އުޅެނީ 25ރ އާއި 30ރ އާއި ދެމެދު

  • އެސްޓީއޯއިން ކާށި އަދި ލުނބޯވެސް ހެޔޮއަގެއްގައި ދަނީ ވިއްކަމުން

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ހެޔޮ އަގެއްގައި ފިޔާ ވިއްކަން ފަށައިފިއެވެ.

ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސް.ޓީ.އޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައެވެ. އެގޮތުން މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރާވާފައިވާކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

އެސްޓީއޯއިން ވިދާޅުވީ މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެކަމަށެވެ. އެގޮތުން މިހާރު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު މިހާރު އުޅެނީ 25ރ އާއި 30ރ އާއި ދެމެދުގައެވެ. މިއާއެކު އެސްޓީއޯއިން މިވަނީ އަގު ހެޔޮކޮށް ފިޔާ ވިއްކަން ފަށާފައެވެ.

އެސްޓީއޯއިން ފިޔާ ވިއްކާ އަގުތައް

ފިޔާ ކިލޯއެއް – 16ރ
ފިޔާ ބަސްތާއެއް – 350ރ
10 ބަސްތާ ފިޔާ – 340ރ

ފިޔާގެ އިތުރުން ރޯދައަށް ހާއްސަކޮށްގެން އެސްޓީއޯއިން ދަނީ ލުނބޯ އަދި ކާށި ހެޔޮއަގެއްގައި ވިއްކަމުންނެވެ. އެސްޓީއޯއިން ކާއްޓެއް 5 ރުފިޔާއަށް ވިއްކަމުންދާއިރު، ބާޒާރުގައި މިވަގުތު ކާށީގެ އަގު އުޅެނީ 10ރ އާއި 25ރ އާއި ދެމެދުއެވެ.

އެސްޓީއޯއިން ވަނީ ރޯދައަށް ޚާއްސަކޮށްގެން ހަތަރު ކެޓެގެރީ އަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އޭގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު އެތެރެކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ތާޒާ ތަރުކާރިއާއި މޭވާ އާއި ތައްޔާރީ ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެތިވެސް އެތެރެކުރުމަށް ހަމަޖެހިފައިވެއެވެ.