ޚަބަރު

ސެލްޓިކަށް ޔުއެފާއިން ފިޔަވަޅު އެޅުން ގާތް!


ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ބަޔާން މިއުނިކާ ދެކޮޅަށް މިދިޔަ ހަފުތާގައި ސެލްޓިކް ކުޅުނު މެޗުގައި ދަމާފައިވާ ބެނާގެ ސަބަބުން އެ ޓީމަށް ޔުއެފާއިން ފިޔަވަޅު އެޅުން ގާތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސެލްޓިކްގެ ދަނޑުގައި ކުޅުނު މި މެޗުގެ އިންޓަވަލް ގަޑީގައި ދަނޑުގައި ސަޕޯޓަރުން ދަމާފައިވާ ބެނާގައި ބުނެފައިވަނީ "އިޒްރޭލަށް ރަތް ކާޑު ދެއްކުމަށް" ކަމަށެވެ. އަދި މި ބެނާ ދެވަނަ ހާފުގެ ކުޅުން ފަށައިގެންވެސް ދެވަނަ ހާފުގެ ގިނައިރުތަކެއް ވަންދެން ފެންނަން ހުއްޓެވެ.

މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ޔޫއެފާގެ ކޮންޓްރޯލް, އެތިކްސް އަދި ޑިސިޕްލިނަރީ ކޮމިޓީން އިން މި މައްސަލަ އިތުރަށް ބެލުމަށް ނިންމާފައިވާކަމަށް ވަނީ ބުނެފަ އެވެ. އަދި މި ބެނާގައި ސިޔާސީ މެސެޖެއް ނުވަތަ ކުޅިވަރުގެ ރޫހާއި ހިލާފު މެސެޖެއް ދީފައިވާކަމަށް ޔޫއެފާއަށް ފެނިއްޖެ ހާލަތެއްގައި ސެލްޓިކް އާއި ދެކޮޅަށް ފިޔަވަޅު އަޅާނެ އެވެ.

ސަޕޯޓަރުން ދަމާފައިވާ ބެނާގެ ތިރީގައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ރަތް ކުލައިގެ ގަނޑުތަކެއް ހިފައިގެން ރަތް ކާޑު ސިފާވާ ގޮތަށް ތިބެފަ އެވެ.

މިދިޔަ ޖެނުއަރި މަހު އެސްޓަން ވިލާ އާއި ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ސެލްޓިކް ކުޅުނު މެޗުގައި ދަނޑު މައްޗަށް ސްމޯކް ބޮމެއް އެއްލުމުގެ ސަބަބުން ޔޫއެފާއިން ވަނީ އެ ކްލަބަށް އިންޒާރު ދީ 8400 ޕައުންޑުން އެ ކްލަބު ޖުރިމަނާ ކޮށްފަ އެވެ.

ނަމަވެސް މި ފަހަރުގެ މި އަމަލާއި ގުޅިގެން ސެލްޓިކް އަށް ފިޔަވަޅު އެޅުމަކީ ކައިރި ކަމެކެވެ. އެގޮތުން އެ ޓީމަށް ދިނުން އެންމެ ކައިރި އަދަބަނީ ދެވަނަ ލެގުގައި ބަޔާން މިއުނިކާއި ދެކޮޅަށް ކުޅޭ މެޗުގައި އެ ކްލަބުގެ ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭ ގޮތަށް އެކަން މަނާ ކުރުމެވެ.

މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ސެލްޓިކް ކުޅުނު މެޗުގައި ދަމާފައިވާ ބެނާ އަކާއި ގުޅިގެން މީގެ ކުރިން ޔޫއެފާއިން ވަނީ އެ ކްލަބު 15200 ޕައުންޑުން ޖުރިމަނާ ކޮށްފަ އެވެ. އަދި 2022 ވަނަ އަހަރު ދަމާފައިވާ ބެނާ އަކާއި ގުޅިގެންވެސް ސެލްޓިކް 15350 ޕައުންޑުން ވަނީ ޖުރިމަނާ ކޮށްފަ އެވެ.

ސެލްޓިކްގެ ސަޕޯޓަރުންގެ މިފަދަ ކަންތައްތަކާއި ގުޅިގެން އެ ކްލަބުގެ މެނޭޖުމަންޓުން ވަނީ ތަކުރާރުކޮށް މިފަދަ ކަންތައްތައް ނުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ. އަދި ބަޔާން މިއުނިކް އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް އެފަދަ ކަމެއް ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.