ޚަބަރު

އަހާ: ވަޒީރުންގެ ހަތަރުވަނަ ފޯރަމް މިރޭ


  • ފޯރަމް އޮންނާނީ މިރޭ 21:00

  • މިރޭގެ ފޯރަމްގައިވެސް ފަސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ ފޯރަމް މިރޭ އޮންނާނެއެވެ.

ސަރުކާރުންގެ ވަޒީރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިރޭ 21:00 ގައެވެ.

ކުރިން ބާއްވާ ފޯރަމްތަކާ އެއްގޮތަށް މިރޭގެ ފޯރަމްގައިވެސް ފަސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިރޭގެ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުން:

އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑރ. އައިޝަތު ޝިހާމް
މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙުމަދު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު، މުޙައްމަދު ސަޢީދު
ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު، ޠާރިޤު އިބްރާހިމް

ދެ ގަޑިއިރަށް ކުރިއަށްގެންދާ ވަޒީރުންގެ މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ މިފަދަ ހަތަރުވަނަ ފޯރަމެވެ.

"އަހާ" ފޯރަމްގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތުގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުޞަތު އާންމުންނަށް ވަނީ ހުޅުވައިލައިފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑީއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ހަމަމިއާއެކު ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް މިރޭގެ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނާ ސުވާލުކުރެވޭނެއެވެ. މި ފޯރަމަށް ސުވާލުފޮނުވުމަށް އެސް.އެމް.އެސް ކުރައްވާނީ AH ޖައްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަކަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ"ގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25ވަނަ ދުވަހުއެވެ.

ވަޒީރުންގެ ފޯރަމުގެ އިތުރުން ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާގޮތަށް ޚާއްޞަ ފޯރަމެއްވެސް ސަރުކާރުން އަންނަނީ ބާއްވަމުންނެވެ. މިއީވެސް އާންމުންނަށް އެކި ދާއިރާތަކުން ސުވާލުކުރެވޭގޮތަށް ހުޅުވައިލައިގެން ބާއްވާ ފޯރަމެކެވެ.