ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އައި ސްޕޭންގެ މިޑްފީލްޑަރު މާކޯ އަސެންސިއޯ އާއި ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުގެ އެސްޓަން ވިލާ އަށް ސޮއިކުރުވި ކުޅުންތެރިން ދާއިމީ ކުރުމުގެ ވިސްނުމެއް އެ ކުލަބުން ނުގެންގުޅޭ އިނގިރޭސި ނޫސްތަކުން ބުނެފި އެވެ.
އަސެންސިއޯ ސޮއި އެސްޓަން ވިލާއިން ހޯދީ އޭނާގެ ފުލް މުސާރަ ދޭ ގޮތަށެވެ. ނަމަވެސް މި އެއްބަސްވުން ދާއިމީ ކުރުމަށް އެކުލަބުގެ ޝައުގުވެރިކަމެއް އަދި ނެތެވެ. އިނގިރޭސި ނޫސްތަކުން ބުނަނީ މި ވިސްނުން ވިލާއިން ނުގެންގުޅެނީ ދެ ސަބަބަކާ ހުރެ ކަމަށެވެ. ފުރަތަމަ ސަބަބަކީ އަސެންސިއޯ އަކީ މިހާރު އުމުރުން ދުވަސްވެފައިވާ ކުޅުންތެރިއަކަށްވުމެވެ. އަނެއް ކަމަކީ އޭނާގެ މުސާރަ ބޮޑުވުމާއި ކުޅުންތެރިޔާ އަށް ޕްރެމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދެއްކިދާނެތޯ ބަލަން އިންތިޒާރު ކުރަން ޖެހޭތީ ކަމަށެވެ.
އަސެންސިއޯ އަށް ޕީއެސްޖީ އަށް ކުޅެދިން 47 މެޗުގައި ޖެނުނީ އެންމެ ހަތް ގޯލެވެ. 2023 ވަނަ އަހަރު ރެއާލް މެޑްރިޑުން ބަދަލުވި 29 އަހަރުގެ ކުޅުންތެރިޔާ މިހާތަނަށް ފެނުނީ ފޯމު ކަޓާފައި ހުރި ތަނެވެ.
މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ލީގު ހޯދައިދޭން އެހީތެރިވި ނަމަވެސް ސްޕޭނުގެ ގައުމީ ޓީމާއި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ކޯޗުކޮށްދޭ ޓީމުގައި އޭނާ އަށް ފުރަތަމަ 11އިން ޖާގަ ލިބުނީ އެންމެ އަށް މެޗުގަ އެވެ.
އެސްޓަންވިލާގެ ސްޕޭން ކޯޗު އުނާއީ އެމެރޭ ބުނީ އަސެންސިއާ އަކީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި އޭނާގެ އެހީތެރިކަން ހޯދަން ނިންމީ މި ސީޒަނުގައި މިހާތަނަށް ނުކުތް ނަތީޖާތަކަށް ބަލާއިރު ޓީމަށް އައު ކުޅުންތެރިންނާއި އައު ވިސްނުން ގެންނަން ޖެހިއްޖެ ކަމަށް ގަބޫލު ކުރެވިގެން ކަމަށެވެ.
އެމެރޭ އަކީ ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދައްކަން ވަރަށް ބޮޑަށް އެނގޭ ކޯޗެކެވެ. މިހެންވެ އޭނާ އުއްމީދު ކުރަނީ އަސެންސިއޯ އާއި ރަޝްފޯޑް އަދި ނެދަލޭންޑްސްގެ ފޯވަޑް މަލެން ވެސް ކުރިން ކުޅުނު ކުލަބަށްވުރެ މޮޅަށް އެސްޓަން ވިލާގައި ކުޅޭނެ ކަމަށެވެ.