ކުޅިވަރު

އިންޑިއާގެ ކުޅުންތެރިއަކު 250 ކިލޯގެ މުދަލާއެކު އޮސްޓްރޭލިއާއަށް


އިންޑިއާގެ ކްރިކެޓް ޓީމުގެ ކުޅުންތެރިއަކު މިދިޔަ ޑިސެމްބަރު މަހު އޮސްޓްރޭލިއާއަށް ދިޔައީ 250 ކިލޯގެ މުދަލާއެކުގައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފިއެވެ. މި ވާހަކަ މިހާބޮޑަށް ދެކެވެން ފެށީ އޮސްޓްރޭލިއާ އަތުން ގަވަސްކަރު ޓްރޮފީ މުބާރާތުގެ ފައިނަލްގައި އިންޑިއާ ބަލިވުމާއި، އެ ދަތުރަށްފަހު އިންޑިއާގެ ކުޅުންތެރިން އަމަލު ކުރަންޖެހޭ ގަވާއިދުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުންނެވެ.

އިންޑިއާގެ ކްރިކެޓް ކޮންޓްރޯލް ބޯޑުން މިހާރު ހަމަޖައްސާފައިވަނީ އެއްވެސް ކުޅުންތެރިއަކަށް 150 ކިލޯގެ މުދަލަށްވުރެ އިތުރަށް ނުގެންދެވޭނެ ކަމަށެވެ. މުބާރާތުގެ ދިގުމިނާއި ކުރުމިނަށް ބެލުމަށްފަހު އެ އަދަދަށް އުނި އިތުރު ގެންނާނެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ އޮސްޓްރޭލިއާއަށް ދިޔަ ޓީމުގެ ކުޅުންތެރިއަކު 250 ކިލޯގެ މުދާ ގެންދިޔައީ 27 ލަގެޖުގައި ކަމަށެވެ. އެ ތަކެތި ބެލިއިރު އޭގައި ހުރީ ކުޅުންތެރިޔާ ކުޅެން ބޭނުންވާ ސާމާނުގެ އިތުރަށް އޭނާގެ އާއިލާގެ މުދަލާއި ހަދިޔާ ބަދިޔާ ކަމަށެވެ. ކުޅުމަށް ބޭނުންވާ ސާމާނުގެ ތެރޭގައި ތިން ބެޓް އޮތެވެ. އެހެންވެ މިއީ ބެޓްކުރާ ކުޅުންތެރިއަކު ކޮށްފައިވާ ގޯސް އަމަލެއް ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އިންޑިއާގެ ކްރިކެޓް ބޯޑުން ބުނީ ކުޅުންތެރިއަކަށް މިހާރު 150 ކިލޯގެ ތަކެއްޗަށްވުރެ އިތުރަށް ނުގެންދެވޭ ގޮތަށް ހަމަޖެއްސީ މިހާތަނަށް ކުޅުންތެރިންނަށް ދެމުން އައި ފަސޭހަތައް ނާޖާއިޒު ގޮތުގައި ބޭނުންކުރުމާއި، ކުޅުމަށްވުރެ އެހެން ކަންކަމަށް އިސްކަންދީ ނަތީޖާތައް ދުވަހެއް ދުވަހަކަށް ދަށްވާން ފެށުމުން ކަމަށެވެ.

އައު ބަދަލުތަކުގެ ތެރޭގައި ކުޅުންތެރިންގެ އަނބިންނާއި ލޯބިވެރިން އަދި އާއިލާތަކަށް ކުޅުންތެރިންނާއެކު ދަތުރުނުކުރެވޭ ގޮތް ހެދުމާއި، ވަކި ވަރަކަށްވުރެ ކުރު މުބާރާތްތަކުގައި ކުޅުންތެރިންނާ ބައްދަލުކުރަން އާއިލާތަކަށް ކޭމްޕަށް ނާދެވޭ ގޮތްވެސް ވަނީ ހަދާފައެވެ. އަދި ކޯޗު އަމަލުކުރަންޖެހޭ ގިނަ ގަވާއިދުތަކެއްވެސް ވަނީ ތައާރަފު ކޮށްފައެވެ.