ކުޅިވަރު

ޗެމްޕިއަންސް ޓްރޮފީގެ އިނާމަކީ 2.2 މިލިޔަން ޑޮލަރު


ޕާކިސްތާނުގައި އަންނަ ބުދަ ދުވަހު ފަށާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ އިނާމު ފައިސާ ކަނޑައަޅައިފިއެވެ. އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ނިންމާފައިވަނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް 2.24 މިލިޔަން ޑޮލަރު ދިނުމަށެވެ.

އަށް ގައުމު ވާދަކުރާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 2.24 މިލިޔަން ޑޮލަރު ދޭއިރު، ފައިނަލް މެޗުން ބަލިވާ ގައުމަކަށް ދޭން ނިންމާފައިވަނީ 1.1 މިލިޔަން ޑޮލަރެވެ. އަދި މުބާރާތުގެ ސެމީ ފައިނަލުން ބަލިވާ ދެ ގައުމަށް އިނާމެއްގެ ގޮތުގައި 560،000 ޑޮލަރު ލިބޭނެއެވެ. މިއީ އެންމެ ފަހުން ބޭއްވި ޗެމްޕިއަންސް ޓްރޮފީ މުބާރާތުގައި ދީފައިވާ އިނާމު ފައިސާ އަށްވުރެ 53 އިންސައްތަ އިތުރު އަދަދެކެވެ.

އައިސިސީ އިން ނިންމާފައިވަނީ މުބާރާތުގެ ފަސްވަނަ އަދި ހަވަނައަށް ދާ ދެ ގައުމަށް އިނާމެއްގެ ގޮތުގައި 350،000 ޑޮލަރު ދިނުމަށެވެ. އަދި މުބާރާތުގެ އެންމެ ފުލަށްދާ ދެ ގައުމަށް ލިބޭނީ 140،000 ޑޮލަރެވެ. މީގެ އިތުރުން މުބާރާތަށް ތައްޔާރުވުމަށް ކޮންމެ ގައުމަކަށްވެސް 125،000 ޑޮލަރު ދޭން ވަނީ ނިންމާފައެވެ.

ޗެމްޕިއަންސް ޓްރޮފީ މުބާރާތް މި ފަހަރު ބާއްވަނީ ޕާކިސްތާނުގައެވެ. މި މަހުގެ 19 އިން އަންނަ މާޗު މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތުގައި އިންޑިއާގެ ހުރިހާ މެޗެއް ކުޅޭނީ ދުބާއީގައެވެ. އެއީ ޕާކިސްތާނާއި އިންޑިއާގެ ސިޔާސީ ގުޅުން ގޯސްވުމުން، އިންޑިއާގެ ޓީމު ޕާކިސްތާނަށް ނުފޮނުވަން ނިންމާފައިވާތީ އެވެ.

މުބާރާތުގައި ގްރޫޕް އޭގައި ހިމެނެނީ ޕާކިސްތާނާއި، ނިއު ޒީލަންޑާއި، ބަނގްލަދޭޝް އަދި އިންޑިއާއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިއާ އާއި، ދެކުނު އެފްރިކާ އާއި، އަފްޣާނިސްތާން އަދި އިންގްލަންޑެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ޕާކިސްތާނެވެ. އަދި މި ފަހަރުގެ މުބާރާތަކީ 1996 ގެ ފަހުން ޕާކިސްތާނުގައި ބާއްވާ އައިސީސީގެ އެންމެ ބޮޑު މުބާރާތެވެ.

ޕާކިސްތާނުން މުބާރާތް ފަށާނީ ކަރާޗީގެ ނެޝަނަލް ބޭންކް ސްޓޭޑިއަމުގައި މި މަހުގެ 19 ވަނަ ދުވަހު ނިއު ޒީލަންޑާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އެ މެޗަށް ފަހު ޕާކިސްތާން ދަތުރުކުރާނީ މި މަހުގެ 23 ވަނަ ދުވަހު ދުބާއީ އަށެވެ. އެއީ އެންމެ ވާދަވެރި އިންޑިއާއާ ދެކޮޅަށް ކުޅުމަށެވެ. މި މުބާރާތުގައި އިންޑިއާގެ މެޗުތައް ދުބާއީގައި ކުޅެނީ ޕާކިސްތާނަށް ދިޔުމަށް އިންޑިއާ ސަރުކާރުން ހުއްދަ ނުދޭތީ އެވެ. ޕާކިސްތާނުން ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ މި މަހުގެ 27 ވަނަ ދުވަހު ރާވަލްޕިންޑީގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ.