ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 59 ވަނަ ގައުމީ ކްރިކެޓް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސީބީއެލް ސްޕޯޓްސްއިން ހޯދައިފިއެވެ. ސީބީއެލް އިން ފައިނަލުގެ ޖާގައެއް ހޯދީ މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި 8 ވިކެޓުން މާލޭ ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ.
ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުޅުނު މި މެޗުގެ ގުރުދިމާވުމުން ސީބީއެލް ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު މާލޭ ސްޕޯޓްސް އެންމެ ފުރަތަމަ ކުޅެން އަރައި 37 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 135 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 89 ބޯޅައިން 44 ލަނޑު ހެދި ތާމަރަ ދެމިންދަ އާއި 29 ބޯޅައިން 23 ލަނޑު އެއްކުރި މުޙައްމަދު ޝިޔާމްއެވެ. މި އިނިންގްސްގައި ސީބީއެލްގެ ޗަންދަނާ ވަނީ 4 އޯވަރުގައި 22 ލަނޑަށް 4 ވިކެޓް ނަގާފައެވެ.
ޖަވާބުގައި ސީބީއެލް ކުޅެން އަރައި އެ ޓީމުން ވަނީ 26 އޯވަރުގެ ތެރޭގައި 136 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 68 ބޯޅައިން 52 ލަނޑު ހެދި ޗަންދަނާ އާއި 38 ބޯޅައިން 25 ލަނޑު އެއްކުރި ޕިޔާލްއެވެ.
މި މޮޅާއެކު ފައިނަލުގެ ޖާގައެއް ސީބީއެލް އިން ހޯދިއިރު، ސެމީ ފައިނަލް ދެވަނަ މެޗުގައި މާދަމާ ހެނދުނު ބައްދަލުކުރާނީ މިލާން ކްރިކެޓް އެކެޑަމީ އާއި އެމްއެސް ހެލްޕިން ހޭންޑްސް ސްޕޯޓްސް އެކެޑަމީއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހެވެ.