މަސްވެރިންނަށް މިއަދަކީ ޚާއްޞަ ދުވަހެއްކަމަށާއި، 48 ދޯންޔަކުން ކިރުވި މަހަށް 7 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިފްކޯއިން ޖަމާކޮށްދީފިއެވެ. މިއީ މިދިޔަ ބުދަ ދުވަހު މަސްކިރުވި ދޯނިތަކަށް ޖަމާކޮށްދިން ފައިސާކަމަށް މިފްކޯއިން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުން ފެށިގެންނެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
މިފްކޯއިން ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހު 48 ދޯންޏަކުން މަސް ކިރާފައިވާ ކަމަށެވެ. އެ ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް މިއަދު ހެނދުނު 10:30 އާއި 12:30 ދެމެދު ފައިސާ ޖަމާކޮށްދީފައިވާކަމަށާއި، އެ ޢަދަދު 7.65 މިލިޔަން ރުފިޔާއަށް އަރާކަމަށެވެ. އަދި ބީއެމްއެލް ނޫން ބޭންކް ޓްރާންސްފާތައް ޖެހިގެން އަންނަ ބޭންކިން ހިދުމަތް ހުޅުވާ ދުވަހު ހަވީރު 4:30 ގެ ކުރިން ޖަމާކޮށްދޭނެކަމަށްވެސް މިފްކޯއިން ވިދާޅުވިއެވެ.
Big Pay Day for Our Fishermen!
— MIFCO (@mifcomv) February 14, 2025
A whopping MVR 7.65 million is on its way to 48 vessels (Fish landings: 12th Feb 2025). Payments will be credited 10:30AM - 12:30PM today, with other bank transfers clearing on the next banking day by 4:30PM. Happy fishing! pic.twitter.com/Gw4b9C00Zj
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުިގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީކުރަމުންނެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރުން ދަނީ މިފްކޯއަށްވެސް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މިފްކޯގެ ހިންގުމަށް ބަދަލުގެނެސް، މިފްކޯއަކީ ފައިދާވާ ދެމެހެއްޓެނިވި ވިޔަފާރިއަކަށް ބަދަލުކުރުން ހިމެނެއެވެ.