"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 67 ކުއްޖަކު އާއިލާއާއި ޙަވާލުކޮށްފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އިޖްތިމާޢީ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތަކާ އެއްގޮތަށް ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" މި ޕްރޮގްރާމަކީ ކޮންމެ ކުއްޖަކީވެސް އާއިލީ ލޯތްބާއި އޯގާތެރިކަމުގެ ތެރެއިން ބޮޑުވާ ކުއްޖަކަށްވުމުގެ ފުރުޞަތު ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެދަށުން އަދުގެ ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ޙިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްބި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ، ދައުލަތުގެ ބެލުމުގައި ތިބި ކުދިންގެ ތެރެއިން 67 ކުއްޖަކަށް ޢާއިލާ ހަމަޖެއްސިފައިވާ ކަމަށެވެ. އަދި ހިޔާތަކުގައި ތިބި ކުދިންނާ ޙަވާލުވުމަށް މިހާރުވެސް 35 ފަރާތަކުން ހުށަހަޅާފައިވާކަމަށާއި، އެ ކުދިން އާއިލާތަކާއި ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާކަމަށެވެ.
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ދަޢުލަތުގެ ޒިންމާއެއްގެ ގޮތުގައި ދެކެނީ، ކޮންމެ ކުއްޖަކީވެސް ޢާއިލީ ލޯތްބާއި އޯގާތެރިކަން ތަޖުރިބާ ކުރެވި ބޮޑުވާ ކުއްޖަކަށްވުމުގެ ފުރުޞަތު ދިނުންކަމަށެވެ. ދިމާވާ ޙާލަތަކާ ގުޅިގެން ދަޢުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ނެގިނަމަވެސް، އެންމެ ބޮޑު އަމާޒަކީ ކުދިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދީ އެކުންދިން ޢާއިލާއަކާ އަވަހަށް ގުޅުވައިދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސަރުކާރުން މިހާތަނަށް ކުރި މަސައްކަތުން މިހާ ހިސާބަށް އައިއިރު އަޅުގަނޑުމެންނަށް މިވަނީ 67 ކުއްޖެއް ޢާއިލާތަކާ ޙަވާލުކުރެވިފައި. އޭގެ ތެރޭގައި އަމިއްލަ ޢާއިލާތަކާއި އެކުންދިންނާ ގާތް ތިމާގެ ފަރާތްތަކުގެ އިތުރުން ފޮސްޓަރކުރުމުގެ ތެރެއިންވެސް ކުދިންނާ ހަވާލުވެފައިވޭ" ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ޢާއިލީ ގުޅުން ނެތް އާއިލާތަކުން، ފޯސްޓަރ ކުރާ ކުދިން ބެލުމަށް ދަޢުލަތުން އެހީވުމުގެ ގޮތުން، އެފަދަ ކުދިންގެ ޚަރަދުތައް ބެލެހެއްޓުމަށް 5000 ރުފިޔާގެ އެލަވަންސެއްވެސް ސަރުކާރުންދެއެވެ.
ދަޢުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަނީ، ދިމާވާ އެކި މައްސަލަތަކުގެ ސަބަބުން އާއިލާގެ ތެރޭގައި އެވަގުތަށް ބެލެހެއްޓެން ނެތް ކުދިންނެވެ. އެހެންކަމުން ކުދިން އަނބުރާ އާއިލާތަކާ ހަވާލުކުރާއިރު، އާއިލާތެރޭގައި އެފަދަ އަމާން މާހައުލެއް ޤާއިމުކުރުމަށް ބޭނުންވާ އެހީތެރިކަންވެސް ވުޒާރާގެ ތެރެއިން ފޯރުކޮށްދެއެވެ. އަދި ކުދިން ހަވާލުކުރަނީ އެފަދަ މާޙައުލެއް އޮތްކަން ކަށަވަރުކުރުމަށްފަހުގައެވެ.
އަދި ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ދޭން ޖެހޭ އެހީތެރިކަން ދިނުމާއި، ކުދިންގެ ހުންނަ ޚާއްސަ ކަންކަމާއި ކުދިން ބެލުމާއި އޯގާތެރިކަން ދިނުމުގައި އާއިލާތަކުން ގެންގުޅެންޖެހޭ އުސޫލުތައްވެސް ވުޒާރާގެ ފަރާތުން ހިންގާ ޚާއްސަ ޕްރޮގްރާމްތަކުގައި ފޯރުކޮށްދެއެވެ.
މީގެއިތުރުން އާއިލާއަކާ ހަވާލުކުރުމަށް ފަހުގައިވެސް އެ ކުދިންގެ ޙާލަތު ބެލުމުގެ މަސައްކަތްތައް ގަވައިދުން ކުރިއަށްގެންދެއެވެ.
އަދި ކުއްޖާގެ ކިޔެވުމުގެ ކަންކަމާއި، ވަކި އުމުރަކަށް ދިއުމުން ކުދިންނަށް މަތީ ތަޢުލީމާއި ހުނަރު ދިނުމުގެ ޕްރޮގްރާތައް ހިންގައި، ވަޒީފާގެ ފުރުޞަތުތައްވެސް ދަނީ ފަހިކޮށްދެމުންނެވެ.
ވަޒީރު ވިދާޅުވީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ސާނަވީ ތައުލީމު ނިންމާ ކުދިންނަށް އެކުދިންގެ އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅެވޭނެ މަގުތަކެއް ފަހިކުރުމުގެ ގޮތުން އެކުދިން ބޭނުންވާ ތަމްރީނާއި އިތުރު ތައުލީމުގެ ފުރުޞަތު ފަހުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ކުރައްވާކަމަށެވެ. އަދި މިވަގުތުވެސް ސާނަވީ މަރުހަލާ ނިމި ވަޒީފަތަކަށް ދާއުމުރުގެ 20 އަށްވުރެ ކުދިން ތިބކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމަށް "ސްޓޭޓް ކެއަރ ސަރވިސަސް"ގެ ނަމުގައި ޚާއްސަ ޑިޕާރޓްމަންޓެއްވެސް ވަނީ އުފައްދަވާފައެވެ.