ކުޅިވަރު

އަނބިންނާއި ލޯބިވެރިން ނުލައި އިންޑިއާ މުބާރާތަށް


އަނބިންނާއި ލޯބިވެރިން ނުލައި އިންޑިއާގެ ކްރިކެޓް ޓީމު އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށް ފުރަން ނިންމައިފިއެވެ.

ޕާކިސްތާނުގައި އަންނަ ބުދަ ދުވަހު ފަށާ މުބާރާތަށް އިންޑިއާ ޓީމު މިފަދައިން ދާން ނިންމީ އިންޑިޔާގެ ކްރިކެޓްގެ މައި އިދާރާއިން އަލަށް ފާސްކުރި ގަވާއިދުގެ ދަށުންނެވެ. ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ނިންމާފައިވަނީ ވަކި ވަރަކަށްވުރެ ކުރު މުބާރާތެއްނަމަ އަނބިންނާއި ލޯބިވެރިން އައި އާއިލާގެ މެމްބަރުންނަށް ޓީމާ ބައްދަލުނުކުރެވޭނެ ކަމަށެވެ. ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަކީ 20 ދުވަހުގެ މުބާރާތެވެ. އެހެންވެ މި މުބާރާތުގެ ތެރޭގައި އާއިލާތަކަށް ކުޅުންތެރިންގެ ކޭމްޕަށް ނުވަދެވޭނެ އެވެ.

ބީސީސީއައި ނިންމާފައިވަނީ ކުޅުންތެރިންގެ ލޯބިވެރިންނާއި އާއިލާއަށް ކުޅުންތެރިން ގާތަށް ދެވެނީ 45 ދުވަހުގެ މުބާރާތެއްކަމުގައިވާ ނަމައެވެ.

"އެއްވެސް ނިންމުމެއް ބަދަލުނުވާނަމަ މިވަގުތަށް ހަމަޖެހިފައި އޮތީ އާއިލާތަކަށް ބައްދަލު ނުކުރެވޭ ގޮތަށް. ކުޅުންތެރިންނަށް އެމީހުންގެ އާއިލާ އާއި ލޯބިވެރިންނާ ބައްދަލު ކުރެވޭނީ އެކަމަށް ހުއްދައެއް ލިބިއްޖެނަމަ އެކަނި. ސީނިއާ ކުޅުންތެރިން ވަނީ ބޯޑުގެ މި ނިންމުމަށް ތާއީދުކޮށްފައި. އަދި ހުރިހާ ކުޅުންތެރިން ވެސް ތިބީ މި ގަވާއިދުތަކަށް އިހްތިރާމް ކުރަން،" އިންޑިއާގެ ކްރިކެޓް ބޯޑުގެ ސީނިއާ އޮފިޝަލަކު ބުންޏެވެ.

އިންޑިއާގެ ކްރިކެޓް ޓީމުގެ ނަތީޖާ ރަނގަޅު ކުރުމަށް ކޯޗުވެސް އަމަލުކުރަންޖެހޭ ގަވާއިދުތައް މިހާރު ވަނީ ހަރުދަނާކޮށްފައެވެ.

ރޯހިތު ޝަރުމާގެ ކެޕްޓަން ކަމުގެ ދަށުން ނުކުންނަ އިންޑިއާ މުބާރާތުގެ ފުރަތަމަ މެޗުގައި ނުކުންނާނީ މި މަހުގެ 20 ވަނަ ދުވަހު ބަނގްލަދޭޝްއާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅޭނެ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނިއު ޒީލަންޑާ ދެކޮޅަށް ކުޅޭނީ މާޗު މަހުގެ ދެވަނަ ދުވަހު އެވެ. މި މުބާރާތް ޕާކިސްތާނުގައި ބޭއްވި ނަމަވެސް އިންޑިއާގެ މެޗުތައް ކުޅެން ނިންމާފައިވަނީ ދުބާއީގައެވެ. ސަބަބަކީ ޕާކިސްތާނާ ދެމެދު އޮތް ސިޔާސީ އަރައިރުންތަކާހުރެ އިންޑިޔާގެ ޓީމު ޕާކިސްތާނަށް ފޮނުވަން އެ ގައުމުން ބޭނުންނުވާތީ އެވެ.