ކްރިކެޓުގެ ގަވާއިދުތަކާ ޚިލާފުވުމުގެ ސަބަބުން ޕާކިސްތާނުގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިއަކަށް އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ފިޔަވަޅު އަޅައިފިއެވެ.
މި ތިން ކުޅުންތެރިންނަކީ ބާރު އުކުންތެރިޔާ ޝާހީން ޝާހް އަފްރީދީ އާއި ސައުދު ޝަކީލް އަދި ކަމްރަން ގުލާމެވެ. އައިސީސީން ބުނީ މި ތިން ކުޅުންތެރިންނަށްވެސް ފިޔަވަޅު އެޅީ ދެކުނު އެފްރިކާއާއެކު ކުޅުނު މެޗުގައި ކްރިކެޓް ގަވާއިދުގެ އެއްވަނަ ދަރަޖައިގެ ކުށްތަކެއް ކޮށްފައިވާތީ ކަމަށެވެ.
ޝާހީން ޝާހް އަފްރީދީ އަށް އެޅި ފިޔަވަޅަކީ އޭނާގެ މެޗު ފީގެ 25 އިންސައްތަ އުނިކުރުމެވެ. އެއީ ގަވާއިދުގެ 2.12 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުޅުންތެރިއަކާ ޖިސްމާނީ ގޮތުން ޖެހިގަނެ، ކުޅިވަރުގެ ރޫހާ ޚިލާފު އަމަލެއް ހިންގުމުންނެވެ. މި ގޮތުން ޝާހީން ޝާހް އަފްރީދީއަށް ފިޔަވަޅު އަޅަން ޖެހުނީ 28 ވަނަ އޯވަރުގައި ދެކުނު އެފްރިކާގެ ބެޓްސްމަން ބްލޮކްކުރަން އުޅުމުގެ ތެރޭގައި އިދިކޮޅު ކުޅުންތެރިޔާއަށް ހާނިއްކަވާ ގޮތަށް އަމަލުތައް ބެހެއްޓުމުންނެވެ.
ސައުދު ޝަކީލް އާއި ބަދަލު ކުޅުންތެރިޔާ ކަމްރަންއަށް އެޅި ފިޔަވަޅަކީ މެޗު ފީގެ 10 އިންސައްތަ އުނިކުރުމެވެ. މި ގޮތަށް ނިންމީ ގަވާއިދުގެ 2.5 ވަނަ މާއްދާގައިވާ އިދިކޮޅު ޓީމުގެ ބެޓްސްމަނަށް އަތުގެ އިޝާރާތުން ކުޅިވަރުގެ ރޫހާ ޚިލާފު އަމަލުތަކެއް ދެއްކުމުންނެވެ.
މީގެ އިތުރުން މި ތިން ކުޅުންތެރިންގެ މެރިޓް ރެކޯޑުން އެއް ޕޮއިންޓްވެސް ވަނީ އުނިކޮށްފައެވެ. މިއީ ޑިސިޕްލިނަރީ ފިޔަވަޅެކެވެ. މި އަދަބުތައް މި ކުޅުންތެރިން ގަވޫލުކޮށްފައިވާތީވެ މި ކަމުގައި އަޑުއެހުންތަކެއް ބާއްވައި މައްސަލަ ބެލުމެއްވެސް ނޯންނާނެ އެވެ.
ޗެމްޕިއަންސް ޓްރޮފީ މުބާރާތައް ތައްޔާރުވާން ޕާކިސްތާނާއި، ދެކުނު އެފްރިކާ އަދި ނިއު ޒީލަންޑް ކުޅުނު މުބާރާތުގެ ފައިނަލަށް ދިޔައީ ޕާކިސްތާނާއި ނިއު ޒީލަންޑެވެ. ނަމަވެސް ދެކުނު އެފްރިކާ މެޗުގައި ޕާކިސްތާނުގެ ކުޅުންތެރިންގެ ފަރާތުން ކުޅިވަރުގެ ރޫހާ ޚިލާފު އަމަލުތަކެއް ފެނިގެންދިޔައީ މެޗުން ބަލިވެއްޖެނަމަ ފައިނަލަށް ނުދެވޭނެކަން އެނގިފައިވާ މެޗެއްގައެވެ. މީގެ ސަބަބުން ޓީމާމެދު ފުރިހަމަ އިތުބާރު ނެތް ކަމަށް ބުނާ ސަޕޯޓަރުންގެ އަދަދު މަދެއްނޫނެވެ.