ޚަބަރު

މިއަހަރުގެ މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ


ރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަސް ރާއްޖޭގައި ކޮންމެ އަހަރަކުވެސް އަންނަނީ ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަމުންނެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުން ފާހަގަކުރުމަށް މިދިޔަ އަހަރު ވަރަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ހޯމް މިނިސްޓްރީން އަންނަނީ މިއަހަރުގެ މިނިވަންދުވަސްވެސް އެހާމެ ކުލަގަދަކޮށް ފާހަގަކުރުމަށް މަސައްކަތްކުރައްވަމުންނެވެ. މިއަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތައް ޖުލައިމަހުގެ ހަތަކުން ފެށިގެން 31 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހޯމް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

މިނިވަން ދުވަހާއި ގުޅިގެން އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތަކީ ސްޓްރީޓް އާރޓް ފެސްޓިވަލެވެ. ރާއްޖެއިން ބޭރުގެ ފަންނާނުން ގެނެސްގެން ބާއްވާ މި ޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގެ ހަވީރުގައެވެ. އޮސްޓްރޭލިއާގެ މަޝްހޫރު ހުނަރުވެރި ފަންނާނުންނާއި ރާއްޖޭގެ ފަންނާނުން ބައިވެރިވެގެން ކުރިއަށްގެންދާ މި ހަރަކާތް ޖުލައި 17ވަނަ ދުވަހުން ފެށިގެން އެގްޒިބިޝަނެއްގެ ގޮތުގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ސްޓްރީޓް އާރޓް ހަރަކާތް ޖުލައިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ 25 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައެވެ. ހޯމް މިނިސްޓަރުގެ ނާއިބު އަޙްމަދު ސަލީމް ވިދާޅުވީ، އެމްއެންޑީއެފްގެ ބޭންޑާއި މާލޭގެ ސްކޫލްތަކުގެ ބޭންޑުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިންގެ ޙަރަކާތްތަކެއްވެސް އެ މައިދާނުން ފެނިގެންދާނެކަމަށެވެ. ހެވިކަމާއި ކުޅިވަރުގެ ޙަރަކާތަކީ މިއަހަރު ފެނިގެންދާނެ އެންމެ ތަފާތު އެއް އިވެންޓްކަމަށް ހޯމް މިނިސްޓްރީން މަޢޫލޫމާތުދެއްވައެވެ. އެގޮތުން މާލޭގެ ހުރިހާ ސްކޫލަކުން މި ހަރަކާތުގައި ބައިވެރިވާއިރު، ހައިރާން ކުރަނިވި ކަންކަން ފެނިގެންދާނެކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.  މި ހަރަކާތް ކުރިއަށްދާނީ 27 ވަނަ ދުވަހުގެ ރޭގައެވެ.

ފުޅަނދު ބުރަކީ ކޮންމެ އަހަރަކުވެސް ޢާންމުންގެ އެންމެ ބޮޑު ތަރުހީބެއް ލިބޭ އިވެންޓެކެވެ. މިހާތަނަށް 16 ފުޅަނދެއް މިފަހަރު ބައިވެރިވެފައިވާއިރު، އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު މި ފުޅަނދު ބައިވެރިކުރުން ވަނީ ވާދަވެރިކަމަށް ހުޅުއްވާލައްވާފައެވެ. އެއްވަނައަށް ހޮވޭ ފުޅަނދަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމާއި ވާދައިގެ ތަށި ހުށައެޅިފައިވެއެވެ. އަދި މިއަހަރު އެހެން އަހަރުތަކާއި ތަފާތު ފުޅަނދުތަކެއް ފެނިގެންދާނެކަމަށް ލަމްޢާން ވިދާޅުވިއެވެ. ފުޅަނދުބުރު  އޮންނާނީ ޖުލައި 29، 30 އަދި 31 މިތިން ދުވަހުއެވެ.

ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދަކީ މިއަހަރު ފެނިގެންދާނެ އެންމެ ބޮޑު އިވެންޓަށްވާއިރު މި ހަރަކާތްތައްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 29، 30 އަދި 31 މިތިން ދުވަހުގެ ހަވީރު 04:30 އިން ފެށިގެން ނަމާދު ވަގުތުތައް ފިޔަވާ މެންދަމު 12:00 އާއި ހަމައަށެވެ. އަދި ހަވީރު ކުޑަކުދިންނަށް ޚާއްޞަ ސްޓޯލްތަކާއި އެކު ކުރިއަށްދާ، މިއުޒިކީ ޢީދުގައި ބޮޑު ބެރުގެ ބޮޑު ހަރަކާތެއް ކުރިއަށްދާނެކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އެގޮތުން 100 ބެރުޖެހުންތެރިންގެ ހުނަރު ފެނިގެންދާނެކަމަށް ހޯމް މިނިސްޓްރީން ހާމަކުރައްވައެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓްތައް ކުރިއަށްދާނީ ޕީއެސްއެމާއި ގުޅިގެންނެވެ.