ޚަބަރު

ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފޯރީގައި ކުރިއަށް


ބައިނަލްއަގުވާމީ މުބާރާތެއްގައި މުޅިން އަލަށް ބައިވެރިވާން ތައްޔާރުވަމުން އަންނަ ރާއްޖޭގެ ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ފަރިތަކުރުންތައް ރޯދަ މަހުވެސް ކުރިއަށް ގެންދެވޭ ގޮތަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބީޗް ހޭންޑްބޯޅަ ކޯޓު ހިމެނޭ ސަރަހައްދުގައި ލައިޓް ހަރުކުރުމާއި، އެހެނިހެން އިންތިޒާމުތައް ހަމަޖައްސަމުން އެބަގެންދެއެވެ.

ބީޗް ހޭންޑްބޯޅަ ޓީމުން ފަރިތަކުރުންތައް ކުރިޔަށް ގެންދަނީ ރާއްޖޭއިން މުޅިން އަލަށް ބައިވެރިވާ 10 ވަނަ އޭޝިއަން ބީޗް ހޭންޑް ބޯޅަ ޗެމްޕިއަންޝިޕަށެވެ.

މި މުބާރާތް އޮންނާނީ މޭ މަހުގެ 1 ން 10 އަކަށް އޮމާންގެ މަސްކަޓްގައެވެ. 10 ވަނަ އޭޝިއަން ބީޗް ހޭންޑް ބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖޭން ބައިވެރިވާ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ކުޅުދުއްފުށީ ސިޓީގެ ކުޅުންތެރިންނެވެ. މިދިޔަ ހަފްތާގައި ވަނީ ކުޅުންތެރިންނާއި ޕްރެކްޓިސް ޖޯޒީ ހަވާލުކޮށްފައެވެ.

މުބާރާތަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު "ޕީއެސްއެމް ނިއުސް" އާއި ހިއްސާ ކުރައްވަމުން ހޭންޑް ބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ ޕާކިސްތާނުގެ ތަޖްރިބާކާރު ކޯޗު އާސިމްގެ އިރުޝާދުގެ ދަށުން 3 މަސްދުވަހުގެ ފަރިތަކުރުންތައް ބާއްވާފައިވާއިރު ކުޅުންތެރިންގެ ޕާފޯމެންސް ލެވެލް ވަރަށް ރަނގަޅު ކަމަށެވެ.

ވަރަށް ގިނަ މުބާރާތްތަކުގައި މެޑަލް ހޯދާދީފައިވާ ޕާކިސްތާނުގެ ތަޖުރިބާކާރު ކޯޗު އާސިމްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގައުމީ ބީޗް ހޭންޑް ބޯޅަ ޓީމުގެ ފުރަތަމަ ފަރަށް ބައިނަލްއަގްވާމީ މުބާރާތަކަށް މިދަނީ ސައުތު އޭޝިއަން ގޭމްސްގައި މެޑަލެއް ހޯދުމުގެ މަގްސަދުގައި ކަމަށް މުޖޭ ވިދާޅުވިއެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލުން ޓީމަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، ކޯޗުގެ ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސަވާ ދެއްވާ ހޭންޑް ބޯލް މޯލްޑިވްސްއަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށާއި، އެކަމަށްޓަކައި ކައުސިލަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

10 ވަނަ އޭޝިއަން ބީޗް ހޭންޑް ބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އިތުރުން ބައިވެރިވާ ގައުމުތަކަކީ ގަތަރު، އިރާން، އިރާޤް، ޕާކިސްތާން، އޮމާން، ފިލިޕީންސް، ޖޯރޑަން، ހޮންކޮންގ، ކަޒަކިސްތާން އަދި އިންޑިއާއެވެ. 10 ކުޅުންތެރިންނާއި 5 އޮފިޝަލުން ހިމެނޭ ރާއްޖޭގެ ޓީމުން ގަތަރަށް ފުރުމަށް މަސައްކަތް ކުރަމުންދަނީ އޭޕްރީލް 28 ހިސާބުގައެވެ.

ބީޗް ހޭންޑްބޯޅަ މުބާރާތަށް ގައުމީ ޓީމުން ކުޅުދުއްފުށީގައި ފަރިތަކުރުންތައް ކުރިޔަށް ގެންދަނީ މިންގަނޑުތަކާއި އެއްވަރުގެ ކޯޓެއް އޮންނާނީ ހަމައެކަނި އެރަށުގައި ކަމަށްވާތީއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެސޯސިއޭޝަންތައް ގުޅިގެން އެރަށުގައި ބީޗް ގޭމްސްތައް ބާއްވަމުން އަންނަތާ 5 އަހަރުވެފައިވާއިރު ބީޗް ހޭންޑް ބޯޅަ މުބާރާތްވެސް އެ ރަށުގައި ވަރަށް ފޯރީގައި ބާއްވައެވެ.