ކުޅިވަރު

ކިމިޗަށް ލޯގެ ނަސޭހަތެއް: މިއީ ޖަރުމަނު ދޫކޮށް ދާންވީ ވަގުތު


ޖަރުމަނުގެ މިހާރުގެ ކެޕްޓަން ހޯޝުއާ ކިމިޗް ގައުމުން ބޭރުގައި ކުޅެންވެއްޖެ ކަމަށް އޭނާގެ ކުރީގެ ކޯޗު ޖޯހިމް ލޯ ބުނެފި އެވެ.

ލޯ އަކީ 2006 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ޖަރުމަނުގެ ގައުމީ ކޯޗެވެ. އޭނާގެ އެންމެ ހާއްސަ ކާމިޔާބީ އަކީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ޖަރުމަނަށް ކާމިޔާބު ކޮށްދިނުމެވެ.
ކިމިޗަށް އޭނާ ދޭން އޮތް ނަސޭހަތަކީ ޖަރުމަނު ދޫކޮށް އެހެން ގައުމެއްގައި ކުޅުން ކަމަށް ލޯ ބުނީ ޓީވީ ޝޯއެއްގައި ކިމިޗާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ.

"އަހަރެން ދެކޭ ގޮތުގައި އޭނާ މިހާރު އެހެން ގައުމެއްގެ ސަގާފަތާއި އާދަކާދަ ދެނެގަންނަން ވެއްޖެ. އެހެން ގައުމުތަކަށް ގޮސް ކުޅެވޭނެކަން ސާބިތުކޮށްދޭން ވެއްޖެ. ޖަރުމަނުގެ ވަރަށް ކުޅުންތެރިން ވަނީ އެހެން ގައުމުތަކުގައި ކުޅެފައި. މިހެންވެ ކިމިޗް ކަހަލަ މޮޅު ކުޅުންތެރިއަކަށް މިކަން ނުވާނީ ސަބަބެއް އަހަރެންނަކަށް ނުވިސްނޭ،" ލޯ ބުންޏެވެ.

ޖަރުމަނުގެ އެންމެ ކާމިޔާބު ކުލަބު ބަޔާން މިއުނިކާއެކު ކިމިޗް މިހާރު ވަނީ އިތުރު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ 2029ގެ ނިޔަލަށެވެ.

ޖަރުމަނުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ސްޕޭނުގެ ބާސެލޯނާ އާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީކުރެ ކުލަބަކަށް ބަދަލުވުމަކީ ކިމިޗް ވިސްނަމުންދިޔަ ކަމެކެވެ. ހާއްސަކޮށް ސިޓީގައި އޭނާ އަށް ބަޔާންގައި ކޯޗުކޮށްދިން ކޯޗު ޕެޕް ގާޑިއޯލާ ގާތަށް ދިއުމަށް ވިސްނި އެވެ. ނަމަވެސް ފަހު ވަގުތު އެކަން ކެންސަލްވީ ބަޔާންއާއެކު އެއްބަސްވުމަަކަށް އައުމުންނެވެ.

އަނެއްބައި ނޫސްތަކުން ބުނާ ގޮތުގައި ކިމިޗް ބޮޑަށް ބޭނުންވީ ބާސެލޯނާ އަށް ދިއުމަށް ކަމަށެވެ. ފްރީ ޓްރާންސްފާއެއްގައި އެކުލަބަށް ކިމިޗްގެ ސޮއި ހޯދެން އޮތްއިރު ކުޅުންތެރިޔާ ޔަގީންކަން ނުލިބުނީ ސްޕެނިޝް ލީގުގައި އޭނާ ރަޖިސްޓަރ ކުރެވޭނެ ކަމާމެދުގަ އެވެ. ކިމިޗް ބާސެލޯނާ އަށް ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ބަޔާން މިއުނިކާއި ޖަރުމަނުގެ ގައުމީ ޓީމުގައި އޭނާ އަށް ކޯޗުކޮށްދިން ހަންސީ ފްލިކެވެ. ފްލިކް އަކީ މިހާރު ބާސެލޯނާގެ ކޯޗެވެ.