ޚަބަރު

ހަވީރުގެ، ކުރީގެ މުވައްޒަފުން މީޑިއާގައި އުޅޭނަމަ ފިޔަވަޅު އަޅަނީ


ހަވީރު ނޫހުގައި މަސައްކަތްކުރި އެއްވެސް މުވައްޒަފަކު މިއަދުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަށް އެހެން މީޑިއާއެއްގައި މަސައްކަތްކުރުން މަނާކުރައްވައި، ސިވިލްކޯޓުން ޙުކުމްކުރައްވައިފިއެވެ.

ކޯޓުން މި ގޮތަށް ޙުކުމްކުރައްވާފައިވަނީ ހަވީރު ނޫހުގެ ޙިއްޞާގެ މައްސަލާގައި އެ ނޫހުގެ އަނެއް ތިން ޙިއްޞާދާރުންކަމަށްވާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މުސާއާއި ޢަބްދުﷲ ފާރޫޤް ޙަސަނާއި މުޙައްމަދު ނަޢީމް، ހަވީރުގެ ޗެއަރމަން ޑރ. މުޙައްމަދު ޒާހިރު ޙުސައިނާ ދެކޮޅަށް ދަޢުވާކުރައްވާ މައްސަލާގައެވެ. ސިވިލްކޯޓުން މިއަދު އިއްވެވި ޙުކުމުގައި ވަނީ ހަވީރުގައި މަސައްކަތްކުރި މުވައްޒަފަކު އެހެން މީޑިއާއެއްގައި މަސައްކަތްކުރުމަކީ ޝަރީޢަތާއި ޤާނޫނުން ހުއްދަވަގެންވާކަމެށް ނޫންކަމަށެވެ. އެހެންކަމުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަދުވަހާ ހަމައަށް ހަވީރު ނޫހުގައި މަސައްކަތްކުރި އެއްވެސް މުވައްޒަފަކު އެހެން މީޑިއާއެއްގައި މިއަދުން ފެށިގެން ދެއަހަރު ދުވަހުގެ މުއްދަތަށް މަސައްކަތް ނުކުރެވޭނެކަމަށެވެ. އަދި އެ ގޮތަށް މަސައްކަތްކުރާކަން ހަވީރު ނޫހުގެ އަނެއް ތިން ޙިއްޞާދާރުންނަށް ފެނިގެން، އެ މައްސަލައެއް ހޯމް މިނިސްޓްރީއަށް ނުވަތަ ކަމާބެހޭ އެއްވެސް މުވައްސަސާއަކަށް ހުށައަޅުއްވައިފިނަމަ ހަތްދުވަހުގެ ތެރޭގައި އެ މައްސަލައެއް ބައްލަވައި ފިޔަވަޅު އެޅުއްވުމަށްވެސް އަންގަވާފައިވެއެވެ.

ހަވީރު ނޫހަށް ނިސްބަތްވާ އެންމެހައި ވިޔަފާރިތައް މިހާރު އޮތީ  ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ތިން ދަރިންގެ ޙިއްޞާ އޮންނަ ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގައި ކަމަށްވީނަމަވެސް އެ ވިޔަފާރިތައް އަނެއް ތިން ޙިއްޞާރުން ކަނޑައަޅުއްވާގޮތަކަށް ބަދަލުކުރުމަށްވެސް ސިވިލްކޯޓްގެ ޙުކުމްގައިވެއެވެ. އަދި ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ނަން ހަވީރަށް ނިސްބަތްކޮށް ކިޔުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ހުއްދަކަމަކަށް ނުވާތީ އެނަން ބަދަލުކުރުމަށްވެސް ސިވިލްކޯޓްގެ ޙުކުމްގައި އަންގަވާފައިވެއެވެ.

މީގެއިތުރުން ހަވީރު ނޫހަށް ނިސްބަތްވާ ވިޔަފާރިތައް އޮޑިޓްކޮށް، އެ އޮޑިޓްގެ މައްޗަށް ބަލައި އަލްއުސްތާޛު އިބްރާހީމް ރަޝީދު މުސާއާއި ޢަބްދުﷲ ފާރޫޤް ޙަސަނާއި މުޙައްމަދު ނަޢީމަށް ލިބެންޖެހޭ ހައްޤުތައް އަދާކުރުމަށް ހަވީރުގެ ޗެއަރމަން ޑރ މުހައްމަދު ޒާހިރު ޙުސައިނަށް އަންގާ އަމުރުކުރާކަމަށްވެސް ސިވިލްކޯޓުން މިއަދު އިއްވެވި ޙުކުމްގައިވެއެވެ.

ހަވީރުގައި މަސައްކަތްކުރި މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތްނުކުރުމަށް ސިވިލްކޯޓުން އަމުރުކުރެއްވިއިރު އެނޫހުގައި ކުރިން މަސައްކަތްކުރި މުވައްޒަފުން މިހާރު މަސައްކަތް ކުރަމުންދަނީ  ދާދީފަހުން ނެރެން ފެށި އޮންލައިން ނޫހެއްކަމަށްވާ "މިހާރު" ގައެވެ.