ޚަބަރު

ދިވެހި ބަހަށް އިސްކަންދިނުމަށް ޚާއްޞަ މަސައްކަތްތަކެއް


ދިވެހިބަސް ތަރައްޤީކޮށް، ކުރިއަރުވައި، ބަސް ހީނަރުވުމަށް ދިމާވާ ކަންކަން ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް ދިވެހިބަހުގެ އެކަޑަމީން ގެންދަވަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

"ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤަވާޢިދު"ގެ ނަމުގައި ދާދިފަހުން ދިވެހިބަހުގެ އެކަޑަމީން އެކުލަވާލެއްވި ޤަވާޢިދަކީ މިގޮތުން ކުރެވުނު ވަރަށްވެސް މުހިއްމު މަސައްކަތެކެވެ. މި ޤަވާޢިދު ވެގެންދާނީ ދިވެހި ބަހަށް ދިވެހިންދޭ ސަމާލުކަން އިތުރުކުރުމަށާއި، ދިވެހިބަސް ތަރައްޤީކުރުމަށް ބޭނުންވާ ޙަރަކާތްތައް ރާވާއި ހިންގުމަށް ލިބިގެންދާ އިތުރު ބާރެއްގެ ގޮތުގައި، ދިވެހި ބަހުގެ އެކަޑަމީން ދެކިލައްވައެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ އެއް އަސްލަކީ، ދިވެހި ބަހެވެ. އަޅުގަނޑުމެންގެ ޤައުމީ ވަންތައްކަމުގެ އެއް އަސާސަކީވެސް މާދަރީބަހުގެ ގޮތުގައި އަޅުގަނޑުމެން ބޭނުންކުރަމުންދާ ދިވެހި ބަހެވެ. މީގެ އެތައްސަތޭކަ އަހަރެއް ކުރިންސުރެ ދިވެހިންގެ މެދުގައި ކުރެވޭ އެންމެހައި މުޢާމަލާތްތަކުގައި ބޭނުންކުރަމުން އަންނަ ދިވެހި ބަސް މިއަދު ހީނަރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ބޭރުބަސްބަހުން ކުރެވޭ މުޢާމަލާތު އިތުރުވުމާއި ތަޢުލީމްދިނުމުގައި ދިވެހިބަހަށް ދެވޭ ސަމާލުކަމުގެ މިންވަރު ހުރި ގޮތުން ދިވެހިބަސް ދިވެހިން އެންމެ އެދޭވަރަށް ކުރިއަރަމުން ނާންނަކަމަށް ބެލެވޭ ޙާލަތުވެސް އާދެއެވެ. ބޭރުގެ އެކިކަހަލަ ބަސްތަކާއި މަސްހުނިވެ، ދިވެހި ބަހުގެ މުއްސަނދިކަން ގެއްލެމުންދާ މަންޒަރު ކޮންމެވެސް ވަރަކަށް ފެންނަ ޙާލަތުވެސް އާދެއެވެ.

އެހެންކަމުން ދިވެހިބަހަށް ދިވެހިންދޭ ސަމާލުކަން އިތުރުކުރުމަށާއި، ދިވެހި ބަސް އިތުރުކަށް ތަރައްޤީކުރެއްވުމުގެ މަޤްޞަދުގައި ދިވެހި ބަހުގެ އެކަޑަމީއިން މިހާރު ވަނީ " ދިވެހި ބަހަށް އިސްކަންދިނުމުގެ ޤަވާޢިދު" ގެ ނަމުގައި ޤަވާޢިދެއް އެކުލަވާލައްވާފައެވެ. އަލަށް އެކުލަވާލެއްވި މި ޤަވާޢިދާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، މިއީ 2011 ވަނަ އަހަރު ވުޖޫދުވި ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެއްވި ޤަވާޢިދެއްކަމަށެވެ. މިފަދަ ޤަވާޢިދެއް އެކުލަވާލެއްވުމުގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނު ތަންފީޒުކުރުމަށް ބޭނުންވާ އަސާސްތައް ތަފްޞީލުކޮށްދެއްވައި، އޭގެ މައްޗަށް އެކަޑަމީން އަދާކުރައްވަންޖެހޭ ވާޖިބުތަކާއި ޒިންމާތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްކުރެއްވުން ކަމުގައި އަޝްރަފް ވިދާޅުވިއެވެ. އަދި ދައުލަތުގެ އެންމެ މަތީ ވުޒާރާތަކުން ފެށިގެންގޮސް، ރައްޔިތުންގެ މެދުގައި ދިވެހި ބަހަށް އޮންނަ ޝައުޤުވެރިކަން އިތުރުކޮށް، އެއީ އިސްކަންދޭ ބަހެއްގެ ގޮތުގައި ހެއްދެވުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/6067.jpg|ދިވެހި ސަގާފަތް ދައްކައިދޭ މައުރަޒެއް / ފޮޓޯ:ޕީއެސްއެމް

މި ޤަވާޢިދު މިއަހަރުގެ ޖޫން 29 ވަނަ ދުވަހު ދައުލަތުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާއިރު، މިޤަވާއިދަށް ޢަމަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ގެޒެޓުގައި ޝާއިޢުކުރެއްވި ތާރީޚުން ފެށިގެން 6 މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ. އަޝްރަފް ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި މި ޤަވާޢިދަށް ޢާއްމުން ހޭލުންތެރިކުރެއްވުމަށް މީޑިއާގެ އެކި ވަޞީލަތްތައް ބޭނުންކުރައްވައިގެން ތަފާތު ޙަރަކާތްތައް ހިންގެވުމަށް ރާއްވަވާފައިވާކަމަށެވެ.

އަލަށް އެކުލަވާލެއްވި މި ޤަވާޢިދު ބުނާގޮތުން ދައުލަތުގެ އިދާރާތަކުގެ އަމާޒާއި، ތަޞައްވުރާއި މަޤުޞަދުތަކާއި ލަނޑުދަނޑިތައް އަދި އެފަދަ ތަންތަނުގެ ނަންބޯޑު ޢާއްމުންނަށް ފެންނާނެހެން ބަހައްޓާފައި ހުންނަނަމަ، ހުންނަން ވާނީ ދިވެހި ބަހަށް އިސްކަންދީގެން ތާނާ އަކުރުން ލިޔެފައެވެ. އަދި ދައުލަތުގެ މުއައްސަސާއަކުން ދިވެހިންނަށް އަމާޒުކޮށްގެން ބާއްވާ މަޢުރަޒުތަކާއި، ފަންނީ މަސައްކަތްތައް ދައްކައިދޭ މަސައްކަތު ބައްދަލުވުންތަކާއި، ކާނިވާތަކާއި މިޔުޒިކް ޝޯވތަކާއި، ސަޤާފީ ކުޅިވަރު ޝޯވތަކާއި، ޢީދުފާހަގަކުރުން ފަދަ ކަންކަން ކުރިއަށްގެންދާއިރު އެކަންކަމާގުޅޭ އެންމެހައި މަޢުލޫމާތު ހުށައެޅުމުގައި ދިވެހި ބަހަށް އިސްކަން ދިނުމަށް ބާރުއަޅާފައިވެއެވެ.

ހަމައެހެންމެ ދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް ފޮނުވާ ލިޔެކިއުންތަކާއި، ދިވެހިރާއްޖޭގައި ނުވަތަ ބޭރުގެ ޤައުމެއްގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ފޮނުވާ ރަސްމީ ލިޔެކިއުންތައް ލިޔަންވާނީ ދިވެހި ބަހަށް އިސްކަންދީގެންނެވެ. އަދި އޮފީސްއޮފީހުގައި ބާއްވާ ބައްދަލުވުންތަކާއި، ދިވެހިންނަށް އަމާޒުކޮށްގެން ބާއްވާ އެއްވުންތަކާއި، ބައްދަލުވުންތަކާއި، ޖަލްސާތަކުގައި ދިވެހިބަހުން މުޢާމަލާތުކުރެވިދާނެ ކޮންމެ ޙާލަތެއްގައިވެސް ދިވެހި ބަހުން ވާހަކަދެއްކުމަށް އިސްކަންދޭންޖެހެއެވެ.

img:http://s3.psmnews.mv/images/660x400/9721.jpg|މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މީގެ އިތުރުން ރާއްޖޭގައި ކިޔަވައިދޭ ކޮންމެ މަދަރުސާއެއްގައި، ދިވެހި ބަސް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭންޖެހެއެވެ. އަދި ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުން ހިންގާ 3 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތުގެ އަމިއްލަ ކޮންމެ ކޯހެއްގައިވެސް "ދިވެހިބަސް" ނުވަތަ ދިވެހި ތާރީޚާބެހޭ މަދުވެގެން 1 މާއްދާ މަޖުބޫރު މާއްދާއެއްގެގޮތުގައި ކިޔަވައިދޭންޖެހޭނެއެވެ. އަދި ތަޢުލީމުދޭ މަރުކަޒުތަކުގެ ގޯތިތެރޭގައި އަދި ޢިމާރާތުގެ ތެރޭގައި ބަހައްޓާ ތަފާތު ޝިޢާރުތަކާއި ޢިލްމީ ލިޔުންތައް ލިޔުމުގައިވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ޤަވާއިދުގެ ދަށުން އިސްތިސްނާ ކުރެވޭ ލިޔުންތަކަކީ، ޢިލްމީ ނުވަތަ ޑޮކްޓަރީ ތަޙުލީލުތަކުގެ ރިޕޯޓް، ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީ، ރަސްމީ ލިޔުމަކަށް ނުވާގޮތަށް ކުރެވޭ ނޯޓުކުރުންތައް، ދެލިކޮޕީތައް، އަދި ދިވެހިބަހުން ލިޔެފިނަމަ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެދާނެ ފަންނީ ނުވަތަ ޓެކްނިކަލް ލިޔުންތަކެވެ.

ރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނާއި، މިޤަވާއިދުގެ ދަށުން ބަޔާންވެގެންވާ ކަންކަމާ ޚިލާފުވުމުގެ ސަބަބުން ދިވެހިބަހަށް ނޭދެވޭ އަސަރު ކޮށްފާނެކަމަށް ފެނިއްޖެ ޙާލަތެއްގައި، 500 ރުފިޔާއާއި 5،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން އެފަރާތެއް ޖޫރިމަނާކުރެއްވުމުގެ އިޚްތިޔާރުވެސް މި ޤަވާއިދުގެ ދަށުން ދިވެހި ބަހުގެ އެކަޑަމީއަށް ލިބިގެންވެއެވެ.