ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މި ރޯދަމަހު ގޭބީސީތަކަށް ބަހާ މަސްދަޅު ކޭސްތައް ބަހަން ފަށައިފިއެވެ. މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން މަސްދަޅު ކޭސްތައް ވަނީ އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވަން ފަށާފައެވެ.
ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވަޢުދުާ އެއްގޮތަށް ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ. މިގޮތުން މަސްދަޅު ކޭސް އަތޮޅުތަކުގެ ބައެއް ކައުންސިލްތަކުން މިހާރު ދަނީ ބަހަމުންނެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރު 14:30 އިން އިރުއޮއްސި 6:00އަށް އަދި ރޭގަނޑު 8:30 އިން 11:00އަށެވެ. މާލެ ސަރަހައްދުގައި މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ 8 ދުވަހުގެ މުއްދަތަކަށެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި މާލެ ސިޓީ ކައުންސިލުންނެވެ.
* މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭބައި
* މިފްކޯގެ އޮފީހުގެ ގްރައުންޑް ފްލޯ
* ވިލިމާލެ ސޯޝަލް ސެންޓަރ
* ހުޅުމާލެ ފޭސް1ގެ ޢުމަރު ޒާހިރު ބިލްޑިންގ
* ހުޅުމާލެ ފޭސް2 ގެ ހިޔާ ފްލެޓްގެ 10 ވަނަ ފްލެޓްގައި ހުންނަ ޔޫތު ސެންޓަރ
ރޯދަމަހަށް ޚާއްޞަކޮށްގެން ގޭބީސީތަކަށް ބަހަނީ އާންމުކޮށް ބޭނުންކުރާ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެވެ. ރޯދަމަސް ފެށުމުގެ ކުރިން މަސްދަޅު ކޭސްތައް ބަހައި ނިމޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ ފުރަތަމަ ދުވަހެވެ.