ކުޅިވަރު

ކޮންޓޭގެ ތައުރީފު އުދިނޭޒީއަށް


އިޓާލިއަން ސެރިއާގަ މިހަފްތާ ބަންދުގައި އުދިނޭޒީއާއި ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުން ދެއްކި ކުޅުމަށް ނާޕޮލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ތައުރީފުކޮށްފިއެވެ.

މެޗަށްފަހު ނާޕޮލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފައިވަނީ އެ ނަތީޖާއަކީ އޭނާގެ ޓީމަށް ހައްގުވާވަރު ކަމަށް ނުދެކޭކަމަށެވެ. އޭނާ މިހެން ބުނެފައިވަނީ އާދިއްތަ ދުވަހު ކުޅެވުނު މެޗަށްފަހު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމާއި ގުޅިގެންނެވެ.

ކޯޗު ކޮންޓޭ ބުނެފައިވަނީ އޭނާގެ ޓީމުން ފަހުވަގުތާއި ހަމައަށްވެސް ހިތްވަރުކުރިކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މެޗުގެ ފަހު ހާފުގައި މެޗުގެ ކޮންޓްރޯލު އޭނާގެ ޓީމުން ނަގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ކަންދިމާކުރިގޮތުން މިހަމަލާތައް ގޯލަށް އަމާޒުނުވީކަމަށް ކޯޗު ބުންޏެވެ.

"މިއީ ވަރަށް ހިތާމަ ކުރަންޖެހޭ ކަމެއް. އަހަރެން ދެކޭ ގޮތުގައި ނާޕޮލީއަށް މި މެޗުން ޕޮއިންޓަކަށް ވުރެ ގިނައިން ހޯދެން ޖެހޭނެ. މެޗުގެ ފުރަތަމަ ހާފުގައި ލަސްކުޅުމެއް ފެނިގެން ދިޔަނަމަވެސް، ފަހު ހާފުގައި ނާޕޮލީއިން ގިނަ ހަމަލާތަކެއް އުފެއްދި، މެޗުގެ ކޮންޓްރޯލްވެސް ނެގި، ނަމަވެސް މިފުރުސަތުތަކުގެ ބޭނުން ހިފާ ގޯލަކަށް ބަދަލުނުކުރެވުނު ހިސާބުން މައްސަލަތައް ދިމާވި" ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯޗު ކޮންޓޭ ބުންޏެވެ.

އިޓާލިއަން ސެރިއާގައި އެންމެ ފަހުން ނާޕޮލީ ކުޅުނު ނުވަ މެޗުންވެސް އެޓީމު ބަލިވެފައެއްނުވެއެވެ. ކޯޗު ކޮންޓޭ ދެކޭގޮތުގައި އޭނާގެ ޓީމުން ފަހުވަގުތާއި ހަމައަށްވެސް ދަނޑުމަތީގައި ދެއްކި ހިތްވަރަކީ ތައުރީފު ހައްގު ކުޅުމެކެވެ.

މި މެޗުގައި ނާޕޮލީގެ މިޑްފީލްޑަރ ސްކޮޓް މެކްޓޮމިނޭގެ ބޮލުން ފޮނުވާލި ބާރު ހަމަލާ އުދިނޭޒީގެ ޖާރޖެން އެކެލެންކޭމްޕްސް ވަނީ އޭރިއާ ބޭރުން ހުއްޓުވާފައެވެ. މިކަން ފާހަގަކޮށް ކޮންޓޭވަނީ އުދިނޭޒީގެ ހުނަރާއި ބުންވަރަށްވެސް ތައުރީފުކޮށްފައެވެ.

"އުދިނޭޒީއަކީ ބުންވަރު ރަނގަޅު ޓީމެއް. މޮޅު ކުޅުންތެރިންތިބި ޓީމެއް. އަހަރެން ދެކޭގޮތުގައި ކުރިއަށް އޮތްތަނުގައި މިކުޅުންތެރިން ބޮޑެތި ކުލަބުތަކުން ފެނުން ގާތް" އުދިނޭޒީގެ ކުޅުންތެރިންނާއި ބެހޭގޮތުން ކޮންޓޭ ބުނެފަވެއެވެ.

އިޓާލިއަން ސެރިއާގައި 24 މެޗުކުޅެ 55 ޕޮއިންޓާއިއެކު މިވަގުތު އެއްވަނައިގައި ނާޕޮލީ އޮތް އިރު، ރޭ ފިއޮރެންޓީނާ ބަލިކޮށް އިންޓަރ މިލާން ވަނީ ނާޕޮލީއާއި ޕޮއިންޓަކާ ގާތަށް ޖެހިލާފައެވެ. އިންޓަރ މިލާން ދެވަނައިގަ އޮތީ ކުޅުނު 24 މެޗުން 54 ޕޮއިންޓާއިއެކުއެވެ.

އިޓާލިއަން ސެރިއާގައި ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ ފެބްރުއަރީ 14 ވާ ހުކުރުދުވަހެވެ. މިދުވަހު ބައްދަލުކުރާނީ ބޮލޯނާ އާއި ޓޮރީނޯއެވެ.