ކުޅިވަރު

ސީބީއެމްއިން ކްރިކެޓް އެކެޑަމީއެއް އުފައްދަނީ


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މިއަހަރުގެ ކަލަންޑަރުގައި ރާވާފައިވާ އެންމެ ޚާއްސަ މަސައްކަތަކީ ކްރިކެޓް އެކަޑަމީއެއް އުފެއްދުން ކަމަށް އެ ބޯޑުގެ ނައިބު ރައީސް އަޙްމަދު އިސްހާގު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސީ.ބީ.އެމްގެ ނައިބު ރައީސް އިސްހާގު ވިދާޅުވީ މި އެކަޑަމީ އުފެދިގެން ދިއުމާއެކު އެކެޑަމީގެ ދަށަށް ވައި.ޑީ.ޕީ ޕްރޮގްރާމްތައް ބަދަލު ވެގެންދާނެއެވެ. އަދި މި އެކެޑަމީގެ ދަށުން ވަކި ނިޒާމެއްގެ ދަށުން ކްރިކެޓް ހަރަކާތްތައް ހިންގުން ބަދަލުކުރެވިގެންދާނެ ކަމަށްވެސް އިސްހާގް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ޓީމްތަކަށް ދިވެހި ކްރިކެޓް ތައާރަފްކުރުމަކީވެސް ސީ.ބީ.އެމްގެ ވަރަށް ބޮޑު އަމާޒެއްކަމަށް އިސްހާގް ވިދާޅުވިއެވެ. މިގޮތުން ކުރިއަށް މިއޮތް މާރޗްމަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ އެވަރޓަންގެ ވެޓެރެންސް ޓީމެއް ރާއްޖެއަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިފައިވާކަމަށްވެސް އިސްހާގް ވިދާޅުވިއެވެ. މިމެޗު އަންނަ ރޯދަމަހަށް ތާވަލު ކުރެވިފަވާއިރު މި ޓީމު ވާދަކުރުމަށް ހަމަޖެހިފަވަނީ ރާއްޖޭގެ ވެޓެރެންސް ކުރިކެޓް ޓީމާއެވެ.

"އާދައެއްހެން ކުރާކަމެއް މާލޭގައި މުބާރާތްތައް ކުޅެމުން ގެންދިއުން. އެއީ އެކި ފޯރމެޓްތަކަށް. 50 އޯވަރ، ދެ ދުވަސް، ޓީ 20، ދެން އެހެން ކިޔާނެކަމެއް ނެތް. މީ ހަމަ ވަރަށް ރޫޓިންކަމެއް މާލޭގައި ކްރިކެޓް މުބާރާތްތައް ބޭއްވުމަކީ" ކްރިކެޓަށް ދިވެހިންގެ މެދުގައި އޮތް މަގްބޫލުކަމަށް އަލިއަޅުވާލަމުން ސީ.ބީ.އެމްގެ ނައިބު ރައީސް އިސްހާގް ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް އެކަޑަމީގެ ހަރަކާތްތައް ފުޅާކޮށް ކުރިކެޓް ވަރުގަދަ ކުރުމަށް ސީބީއެމްއިން އަމާޒު ހިފާފައިވާއިރު މިވަގުތު މާލޭގައި 59 ވަނަ ޤައުމީ ކްރިކެޓް މުބާރާތުގެ ކުޅުން ކުރިއަށް އެބަދެއެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ކުޅޭ ޓީމުތައްވެސް މިހާރުވަނީ ކަށަވަރުވެފައެވެ. މިގޮތުން ފުރަތަމަ ސެމީގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ސީބީއެލް އާއި މާލޭ ސްޕޯޓްސް ކުލަބްއެވެ. އަދި ދެވަނަ ސެމީގައި ބައްދަލުކުރާނީ މިލާން ކްރިކެޓް އެކަޑަމީ އާއި އެމްއެސް އެކަޑަމީއެވެ. މި މުބާރާތުގެ ކުޅުން ދެން އޮންނާނީ 14 ފެބްރުއަރީގައެވެ.