މި ސީޒަނުގައި އަދިވެސް މެންޗެސްޓަރ ސިޓީއަށް ރަގަޅު ގޮތްތަކެއް ހޯދިދާނެކަމަށް އެ ޓީމުގެ ޑިފެންޑަރ ރުބެން ޑިއާސް ބުނެފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ނިކުންނައިރު މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ރުބެން ޑިއާސް ބުނެފައިވަނީ މިއީ އޭނާ އެ ކްލަބަށް ކުޅެން ފެށިފަހުން އައި އެންމެ އުނދަގޫ ސީޒަން ކަމަށެވެ.
މުޅިން އައު ފޯމެޓަކަށް ޗެމްޕިއަންސް ލީގު ބަދަލުކޮށް މި އަހަރުގެ މުބާރާތް ފެށިއިރު މުބާރާތުގައި ޖުމްލަ 36 ޓީމު ވާދަކޮށް ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް އަށް މެޗު ކުޅެ ގަދަ އަށް ޓީމަށް ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިފަ އެވެ. އަދި 9 އިން 24 އަށް ދިޔަ ޓީމުތަކަށް ޖެހެނީ ދެވަނަ ބުރަށް ކޮލިފައިވުމަށްޓަކައި ޕްލޭއޮފް ދެ ލެގު ކުޅުމަށެވެ.
އެގޮތުން މެންޗެސްޓަރ ސިޓީ އަށް 22 ވަނަ ލިބިފައިވާތީ ޕްލޭއޮފް ގައި އެ ޓީމު ކުޅެން ޖެހެނީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމުގައިވާ ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.
"މިއީ މެންޗެސްޓަރ ސީޓީ އަށް އަހަރެން ކުޅެން ފެށި ފަހުން އައި އެންމެ އުނދަގޫ ސީޒަން. ނަމަވެސް އަދިވެސް މި ސީޒަނުގައި ރަގަޅު ކާމިޔާބީތަކެއް ހޯދިދާނެ." ޕޯޗުގަލް އަށް އުފަން ޑިފެންޑަރ ބުންޏެވެ.
"އަހަރުމެންނަށް އިނގޭ ރެއާލް މެޑްރިޑާއ ދެކޮޅަށް މިރޭ ނިކުންނައިރު މިއީ ކިހާ އުނދަގޫ މެޗެއްކަން ނަމަވެސް އަހަރުމެންނަށް ރެއާލް މެޑްރިޑާއި ދެކޮޅަށް ބޭނުންކުރެވޭނެ ވަރަށް ބައިވަރު ހަތިޔާރުތަކެއް އެބަހުރި. އަހަރުމެން ޖެހޭނީ އެ ހަތިޔާރުތަކުގެ ބޭނުން ރަގަޅު ގޮތުގައި ހިފަން." މެންޗެސްޓަރ ސިޓީގެ ވައިސް ކެޕްޓަންކަންވެސް ކުރަމުންދާ ރުބެން ޑިއާސް ބުންޏެވެ.
މި ދެ ޓީމު މިރޭގެ މެޗަށް ނިކުންނައިރު މިއީ ޖެހިޖެހިގެން ހަތަރު އަހަރުގެ ތެރޭގައި ނޮކްއައުޓް މެޗުތަކުގައި މި ދެ ޓީމު ބައްދަލުކުރާ ފަސްވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ރެއާލް މެޑްރިޑް ވަނީ މެންޗެސްޓަރ ސިޓީ ބަލިކޮށްފަ ގޮސް މުބާރާތުގެ ޗެމްޕިއަންކަން 15 ވަނަ ފަހަރަށް ހޯދާފަ އެވެ.
މިއީ ނިމިގެންދިޔަ ބެލޮންޑިއޯ އެވޯޑް ހަފްލާގައި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެންޗެސްޓަރ ސިޓީގެ ރޮޑްރީ އަށް ލިބުނު ފަހުން މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ މެޗެވެ. އެ ހަފްލާ ރެއާލް މެޑްރިޑް އިން ބޮއިކޮޓް ކޮށްފައިވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއަރ އަށް ނުލިބޭނެކަން ޔަގީން ވުމާއި ގުޅިގެންނެވެ.
މި މެޗަށް ނިކުންނައިރު މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފައިވަނީ ރެއާލެ މްޑްރިޑަކީ މިފަދަ މުހިންމު އަދި އުނދަގޫ މެޗުތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ޓީމެއްކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް މި މެޗުން މޮޅުވާން ސިޓީ އަށް ކުރެވުން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ރެއާލް މެޑްރިޑް މި މެޗަށް ނިކުންނައިރު އެ ޓީމަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. ޚާއްސަކޮށް އެ ޓީމުގެ ޑިފެންސަށް ކުޅޭ މުހިންމު ކުޅުންތެރިން ތަކަކަށް މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. އެގޮތުން ޑެނީ ކަރްވަހާލް އާއި އެންޓޯނިއޯ ރުޑިގަރ އާއި އެޑާ މިލިޓާއޯގެ އިތުރުން ޑޭވިޑް އަލަބާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ.