ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ލިބޭ ޑޮލަރުގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރަން ލާޒިމްކޮށްފައިވާ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ދައުލަތުގެ ރަސްމީ ރިޒާވަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
މިދިޔަ އަހަރު ޢަމަލުކުރަން ފެށި ބޭރު ފައިސާގެ ޤާނޫނުގެ ދަށުން ކޮންމެ މީލާދީ މަހެއްގެވެސް 28 ވަނަ ދުވަހުގެ ކުރިން ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ ނިސްބަތުން ބޭންކުތަކަށް ވަކި މިންވަރަކަށް ޑޮލަރު މާރުކުރަން ޖެހެއެވެ. މި ޤަވާއިދަށް އަމަލުކުރަން ފެށި ފަހުން އާއްމުކުރެއްވި ފުރަތަމަ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނިމުނު ޖެނުއަރީމަހުގެ ނިޔަލަށް ރިސޯޓްތަކުން ވަނީ ބޭންކުތަކަށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައެވެ. މިއީ އެމްއެމްއޭއިން މީގެކުރިން ލިބޭނެކަމަށް ލަފާކޮށްފައިވާ މިންވަރަށް ވުރެ 10 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. އަދި މި މުއްދަތުގައި 90 އިންސައްތަ ރިސޯޓުތަކުން ޤަވާއިދާއި އެއްގޮތަށް ޢަމަލުކޮށްފައިވާކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.
އެމްއެމްއޭއިން ވިދާޅުވީ ގިނަ އަދަދެއްގެ ބޭރުފައިސާ ބޭންކުތަކަށް މާރުކުރުމާއެކު ރާއްޖޭގެ ރަސްމީ ރިޒާވަށްވެސް ރަނގަޅު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރުމަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރި މިންވަރަށް ވުރެ 5 އިންސައްތަ ޖެނުއަރީމަހުގެ ނިޔަލަށް އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވުގައި 708.1 މިލިއަން ޑޮލަރު ހުރިކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ޑިސެމްބަރުމަހާއި އަޅާބަލާއިރު ޖަނަވަރީމަހު ދައުލަތަށް ޓެކުހާއި އެކިއެކި ފީގެ ގޮތުގައި ލިބިފައިވާ ބޭރުފައިސާގެ އާމްދަނީވެސް 12 އިންސައްތަ އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
ބޭރު ފައިސާގެ އައު ޤަވާއިދުގެ ދަށުން ބޭރު ފައިސާ މާރުކުރަން ޖެހެނީ 3 މަސް 3 މަސް ދުވަހުގެ ކުރީގެ ރިއަލައިޒްޑް ނުވަތަ އެތަނަކަށް ލިބިފައިވާ އާމްދަނީއަކުންނެވެ. މިއާއެކު ޤަވާއިދުގެ ދަށުން ވިޔަފާރިތަކަށް ބޭރުފައިސާގެ ދަތިކަމެއް ނެތި މާރުކުރަން މަގުފަހިވެގެންދާ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
މި ޤަވާއިދަށް ބާރުދިނުމުގެ ގޮތުން ބޭރުފައިސާއާއި ބެހޭ އައު ޤާނޫނެއް އެކުލަވައި، ފާސްކޮށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ. މި ޤާނޫނުގެ ދަށުން ބޭރުފައިސާ 3 ގިންތިއެއްގެ ވިޔަފާރިތަކުން މާރުކުރަން ޖެހެއެވެ. ފުރަތަމަ ގިންތީގެ ހިމެނެނީ ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ރިސޯޓުތަކެވެ. މިތަންތަނުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަަކަށް ޖެހޭ ނިސްބަތުން 500 ޑޮލަރު މާރުކުރަން ޖެހެއެވެ. ދެވަނަ ގިންތީގައި ގެސްޓު ހައުސްތައް ހިމެނޭއިރު އެތަންތަނުން މާރުކުރަން ޖެހެނީ 25 ޑޮލަރެވެ.
އައު ޤާނޫނުގެ ދަށުން މި ދެގިންތީގެ ވިޔަފާރިތަކަށް، މިގޮތަށް މާރުނުކުރާނަމަ ލިބޭ ބޭރުފައިސާގެ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. ތިންވަނަ ގިންތީގައި ހިމެނެނީ ފަތުރުވެރިކަމުގެ ވިޔަފާރިތައް ނޫން ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކެވެ. އެގޮތުން އަހަރެއްގެ ތެރޭ 15 މިލިޔަން ޑޮލަރަށް ވުރެ އިތުރަށް ލިބޭނަމަ، އެ ވިޔަފާރިއަކަށް މީލާދީ މަހެއްގެ ލިބޭ ބޭރުފައިސާގެ އާމްދަނީގެ ތެރެއިން 20 އިންސައްތަ ބޭންކުތަކަށް މާރުކުރަަން ޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ބޭރުފައިސާގެ ޤާނޫނު ރަނގަޅަށް ތަންފީޒުވާނަމަ، މިހާރު ބޭންކު ކާޑުތަކަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓު އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި 1400 އަށް މަތިކޮށްދެވޭނެކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ދޫކުރާ 500 ޑޮލަރު ދެގުނަކުރެވޭނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.