ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިޔާއަށް


  • މިއީ ލޮކް ސަބާގެ ރައީސްއާއި ރާޖްޔަ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މަޖިލިސް ރައީސްގެ މި ދަތުރުފުޅަކީ އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެކަމަށްވާ ލޮކް ސަބާގެ ރައީސްއާއި ޤާނޫނު ހަދާ މަޖިލީހުގެ މަތިގެކަމަށްވާ ރާޖްޔަ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މި ދަތުރުފުޅުގައި ލޮކް ސަބާގެ ރައީސްގެ އިތުރުން، އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަންއާ މަޖިލީހުގެ ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އިންޑިޔާ ސަރުކާރުގެ ބައެއް އިސްވެރިންނާއިވެސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށް މަޖިލީހުން ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި މަޖިލިސް ރައީސާއެކު ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދާއި ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބްގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.