ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީގައި ބީއެމްއެލުން މުހިއްމު ދައުރެއް އަދާކުރޭ: އަފީފް


  • ރިސޯޓުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ބޮޑު ހޭދައެއް ކުރަންޖެހޭ

  • ޗަމްޕާ ކުންފުނީގެ 2 ރިސޯޓެއް މިހާރުވެސް ހިންގަމުންދަނީ އިއާދަކުރަނިވި ހަކަތައިން

  • މީރު ރިސޯޓުގައި ސޯލާ ހަރުކުރުމަށް މާލީ އެހީތެރިކަން ލިބުނީ ބީއެމްއެލް އިން

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީގައި ބީއެމްއެލުން މުހިއްމު ދައުރެއް އަދާކުރާ ކަމަށް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ.

އަފީފް މިހެން ވިދާޅުވީ ބީއެމްއެލްއިން ތައާރަފްކުރި "ގްރީން ރިސޯޓް ފައިނޭންސިންގ" ސްކީމާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

ހުސައިން އަފީފަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ފެށުމުގައި އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަފީފް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިޔުމަށް ތިމާވެއްޓާއި ރައްޓެހިގޮތްތައް އިހްތިޔާރުކުރަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މިފަދަ ބަދަލުތަކަކީ މާލީގޮތުން ބޮޑު ހޭދައެއް ކުރަން ޖެހޭ އެހެންނަމަވެސް ފަހުން އޭގެން ލިބޭ ނަފާ މާބޮޑު ކަމެއް ކަން އަފީފް ފާހަގަކުރެއްވިއެވެ.

"1980ގެ އަހަރުތަކުގައި މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިޔުަމަށް މާލީ ގިން ގޮންޖެހުންތަކެއް ހުރޭ، އިޓަލީގެ ކުންފުންޏަކާއި ގުޅިގެން އިޓަލީގެ ބޭންކަކުން މާލީ އެހީތެރިކަން ހޯދައިގެން ގަސްފިނޮޅު ރިސޯޓު، މިހާރުގެ ކްލަބް މެޑް ވަނީ އެއްކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށްފައި، މިހާރު އޭގެ ފަހުން 14 ވަރަކަށް އަހަރުވެއްޖެ، މާލީ އެހީތެރިކަން ލިބޭ ނަމަ ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ،" އަފީފް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީގައި މުހިއްމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާ، އަފީފް ވިދާޅުވީ، އެ ކުންފުނީގެ މީރު މޯލްޑިވްސް ރިސޯޓުވެސް މިހާރު ހިންގަމުންދަނީ އިއާދަކުރަނިވި ހަކަތައިން ކަމަށާއި، އެ މަޝްރޫޢު ކުރިއަށްގެންދިޔައީ ބީއެމްއެލްގެ ލޯން އެހީގައި ކަމަށެވެ. އަދި އެ މަޝްރޫޢާއި އެކު އެ ރިސޯޓުގައި ކަރަންޓަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ.

މިފަދަ މަޝްރޫޢުތަކަށް ހާއްސަ ސްކީމެއް ބީއެމްއެލްއިން ތައާރަފްކުރުމުން ދެމެހެއްޓެނިވި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އަފީފް ވިދާޅުވިއެވެ.

"ވަރަށް ގިނަ ކަންކަން އެބަހުރި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ސީ ވޯލްތައް ތަރައްޤީކުރުމާއި، މަރާމާތުކުރުމަކީ ޚަރަދުބޮޑު ކަމެއް، މިފަދަ މާލީ އެހީތެރިކަމަކާއި ބޮޑު ކުރިއެރުމެއް ލިބޭނެ،" އަފީފް ވިދާޅުވިއެވެ.

ބީއެމްއެލުން ތަޢާރަފްކޮށްފައިވާ ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީގެ ދަށުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި އެނަރޖީ އެފިޝެންޓް އިކުއިޕްމެންޓު ހޯދުމާއި ރީފޮރެސްޓްރޭޝަން އަދި ކުނި މެނޭޖްކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫޢުތައް ހިންގުމަށް ރިސޯޓުތަކުން ބޭނުންވާ ފައިނޭންސް ފޯރުކޮށްދެވޭނެކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

ގްރީން ރިސޯޓު ފައިނޭންސިންއަކީ 50 މިލިއަން ރުފިޔާއާ ހަމައަށް އޯވަރޑްރާފްޓް ފެސިލިޓީއެކެވެ. މިއީ %6.5 އިންޓްރެސްޓް ރޭޓުގައި ދޫކުރާ ލޯނެކެވެ. ކާޑު މެޝިނުން ރިސޯޓަށް ލިބޭ ފައިސާ އިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފަސޭހަ ގޮތްތަކެއް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.