މިހާރުގެ އަމާޒަކީ ގައުމީ ޓީމުން ފުރުސަތު ހޯދުމާއި، ޓީމުގެ އެންމެ މޮޅު ކުޅުންތެރިއާއަށް ވުމުގެ އިތުރުން ބައިނަލް އަގްވާމީ ގިނަ މުބާރާތްތަކަކުން ކާމިޔާބު ހޯދުން ކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި 12 ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕުގެ 3 ކެޓެގެރީއަކުން ޗެމްޕިއަންކަން ހޯދި އާރާ އާސާލް އާޒިމް ބުނެފިއެވެ.
އާރާ މިހެން ބުނެފައިވަނީ 12 ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕަށް ފަހު ޕީ.އެސް.އެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައެވެ.
ޖުމްލަ 10 ކެޓެގަރީއަކަށް ބަހާލައިގެން މި މުބާރާތް ކުޅެފައިވާއިރު، އާރާ ވަނީ ޖޫނިއަރ އޯޕަންސް ސިންގަލްސް ޗެމްޕިއަންކަމާއި، ވިމެންސް އޯޕަން ސިންގަލްސް ޗެމްޕިއަންކަމުގެ އިތުރުން ވިމެންސް އޯޕަން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައެވެ.
މުބާރާތުގައި އަންހެން ސިންގަލްސް ޗެމްޕިއަންކަން އާރާ ހޯދާފަވަނީ ފައިނަލުގައި ނަބާ ނިޝާން އާއި ވާދަކޮށް 6-3 އަދި 6-3 ގެ ނަތީޖާއަކުންނެވެ.
"މިހާރު ދެން ހަމަ ނެޝަނަލް ޓީމަށް އަރާ އިރާދަކުރެއްވިއްޔާ އިންޓަނޭޝަނަލް މުބާރާތްތައް ގިނައިން ކުޅެގެން އެ މުބާރާތްތަކުން ކާމިޔާބު ހޯދުން މިހާރު ޓާގެޓަކީ. މިއަހަރު ގިނައިން އިންޓަނޭޝަނަލް މުބާރާތްތަކަށް ޓްރެވެލްކޮށް އިންޓަނޭޝަނަލް ޕޮއިންޓްތަކާއި ޗެމްޕިއަންކަން މިއަހަރުގެ ޓާގެޓަކީ" ފައިނަލް މެޗްތަކަށްފަހު އާރާ ބުންޏެވެ.
އުއްމީދީ ޓެނިސް ތަރި އާރާ ގެ އިތުރު ކާމިޔާބީތަކަށް ބަލާއިރު، ރާއްޖޭގެ ޓެނިހުގެ ތާރީހުގައި ބޭއްވި ފުރަތަމަ އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) ގެ މުބާރާތުން އޭނާ ހޯދި ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ.
މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް 2025 ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެ ރެއެވެ. މި ރަސްމިއްޔާތުގައި ޓެނިސް އެސޯސިއޭޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު، މިއީ މިއަހަރު ޓެނިސް އެސޯސިއޭޝަނުން ރާވާ އިންތިޒާމުކުރި ފުރަތަމަ މުބާރާތެވެ.