ޚަބަރު

އޭސީސީގެ ނައިބު ރައީސަކަށް އަޙްމަދު ނާޝިދު


  • އޭސީސީގެ ރައީސާއި ނައިބު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ

  • އަހުމަދު ނާޝިދު އިލެކްޝަންސްގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 26ވަނަ ދުވަހު

އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ނައިބު ރައީސަކަށް އެކޮމިޝަނުގެ މެންބަރު އަޙްމަދު ނާޝިދު އައްޔަން ކުރެއްވުމަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ. އޭސީސީގެ ނައިބު ރައީސަކަށް އަޙްމަދު ނާޝިދު އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ މިދިޔަ މަހުއެވެ.

މިދިޔަ އަހަރު އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ގެންނެވި އިޞްލާހާއެކު އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މީގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ހޮވަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ކޮމިޝަނުގެ ނައިބު ރައީސަކަށް އަޙްމަދު ނާޝިދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ، ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އަހުމަދު ނާޝިދު އެންޓި ކޮރަޕްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، 07 އޯގަސްޓް 2008 ގައި ތަޞްދީޤުކުރެވުނު ޤާނޫނުއަސާސީގެ ދަށުން އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ. އެ ކޮމިޝަނުން ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމާއި ކޮމިޝަނުން ތަޙުޤީޤުކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން އިދާރާތަކުން އިތުރަށް ބަލައި ސާފުކުރަންޖެހޭ ކަންތައްތައް އެ ފަރާތްތަކަށް ހުށަހަޅައި، ޝަރީޢަތަށް ހުށަހަޅަންޖެހޭކަމަށް ފެންނަ ކަންތައްތައް ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމުގެ މަސައްކަތް ކުރަންޖެހެއެވެ.

މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމަކީވެސް އޭސީސީގެ ޒިންމާއެކެވެ.

އޭސީސީ އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މިވަގުތު އިލެކްޝަންސް ކޮމިޝަނުގައި ތިއްބެވީ ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް އާއި މެންބަރުން ކަމަށްވާ އަލްއުސްތާޛާ ޝިޔާމާ މުޙައްމަދާއި ޝަޒްނާ ހާޝިމާއި އަޙްމަދު ނާޝިދާއި ޢަބްދުﷲ ނާޝިދުއެވެ.