ކުޅިވަރު

ބަންގްލަދޭޝް: ޓައިގަރުންގެ އަމާޒަކީ ފައިނަލް ކުޅުން


ބަންގްލަދޭޝްގެ ކްރިކެޓް ޓީމު އެ ގައުމުގައި މަޝްހޫރުވެފައިވަނީ ޓައިގަރުންގެ ނަމުންނެވެ. އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ މެންބަރުކަން އެ ގައުމަށް ލިބުނީ 2000 ވަނަ އަހަރު އެވެ. އެއް ދުވަހުގެ މެޗުތަކުގައި އެމީހުންނަކީ މިހާރު ދުނިޔޭގެ ނުވަ ވަނަ ގައުމެވެ.

ބަންގްލަދޭޝްގެ ކްރިކެޓްގެ މައިފުނަކީ ޕާކިސްތާނެވެ. 1977 ވަނަ އަހަރު އައިސީސީގެ އެސޯސިއޭޓް މެމްބަރުކަން ލިބުމާ ހަމައަށް ބަނގްލަދޭޝްގެ ކުޅުންތެރިން އެންމެ ބޮޑަށް އުނގެނެމުންދިޔައީ ވެސް އިރުމަތީ ޕާކިސްތާނުގައި ކުޅެގެންނެވެ. ކްރިކެޓަކީ ބަންގްލަދޭޝްގެ އެއްވަނަ ކުޅިވަރެވެ. އެންމެ ބޮޑަށް ފޯރި ނަގަނީ ވެސް ކްރިކެޓްގަ އެވެ.

ޓެސްޓް ކްރިކެޓްގެ ދަރަޖައެއް ބަންގްލަދޭޝް އަށް ލިބުމުގެ ކުރިން 1999 ވަނަ އަހަރު ކެންޔާ އަތުން އެ ގައުމުން ބަލިވުމުން ބަންގްލަދޭޝް މީހުން ކްރިކެޓްގެ ގައުމީ އިދާރާ ކުރިމައްޗަށް އެއްވެ ކުރި ބޮޑު މުޒާހަރާ އަކީ ވެސް އެމީހުންގެ މެދުގައި ކްރިކެޓަށް ހުރި ފޯރި ދައްކުވައިދޭ ކަމެކެވެ. އަދި ޓެސްޓް ކްރިކެޓް ކުޅޭ ގައުމެއްގެ ގޮތުގައި ބަނގްލަދޭޝް ހިމެނުމުން އޭރުގެ ބޮޑު ވަޒީރު ޝައިހް ހަސީނާ އެކަން ސިފަކުރެއްވީ ބަންގްލަދޭޝްގެ ހަޔާތުގެ އެންމެ އުފާވެރި އެއް ވަގުތުކޮޅުގެ ގޮތުގަ އެވެ.

ޕާކިސްތާނުގައި މި މަހުގެ 19 ވަނަ ދުވަހު ފަށާ މުބާރާތަށް ބަންގްލަދޭޝްގެ ކްރިކެޓް ޓީމު ނުކުންނަނީ ތަށްޓަށް ވިސްނައިގެންނެވެ. ޓީމުގެ ކޯޗު ޓްރިނިޑާޑްގެ ފިލް ތޮމްސަން ބުނީ އެހެން މުބާރާތްތަކާ އަޅާ ބަލާއިރު މި ފަހަރުގެ ޓީމު އޮތީ ހުރިހާ ގޮތަކުން ވެސް ގަދަކޮށް ކަމަށެވެ. ހާއްސަކޮށް ފާއިތު ވެދިޔަ ހައެއްކަ އަހަރުގެ ތެރޭގައި ބަންގްލަދޭޝް ހޯދި ކުރިއރުންތަކުގެ ހަގީގީ ކުލަވަރު ދައްކާލަން އެމީހުން މިހާރު ތިބީ ފައްކާވެފައި ކަމަށެވެ.

ޓީމުގެ ކެޕްޓަން ނަޖްމުލް ހުސައިން ޝަންޓޯ ދެކޭ ގޮތުގައި 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ މުބާރާތުގެ ސެމީ ފައިނަލް ކުޅެފައިވާތީވެ މި ފަހަރު ބަންގްލަދޭޝް ޓީމަށް ކާމިޔާބީ އަކަށްވާނީ އެންމެ ދަށްވެގެން ފައިނަލް ކުޅެގެންނެވެ. ނަމަވެސް ކޯޗުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސީނިއާ ގިނަ ކުޅުންތެރިން ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ފޯރިގަދަ މެޗުތަކާހުރެ ގައުމީ ޓީމާ ގުޅުން ލަސްވުމުންނެވެ. އިއްޔެގެ ޕްރެކްޓިހަށް ނުކުމެވޭވަރުވީ ވެސް މުހިންމު ފަސް ކުޅުންތެރިއަކަށެވެ.

ކްރިކެޓްގައި ބަންގްލަދޭޝް މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕުގެ ގަދަ އަށް އަށަކަށް ދަތުރު ކުރުމެވެ. ޗެމްޕިއަންސް ޓްރޮފީގައި އެންމެ ދުރަށް ދެވުނީ ސެމީ ފައިނަލަށެވެ. މި ފަހަރުގެ މުބާރާތް ބާއްވަނީ ޕާކިސްތާނުގައި ކަމަށްވުމުން ބަންގްލަދޭޝް އުއްމީދު ކުރަނީ މިއީ އެމީހުންނަށް ނަސީބުވެރި ފަހަރަކަށް ވެދާނެ ކަމަށެވެ.