މިދިޔަ ހަފްތާގައި 452 މަސް ދޯންޏަކަށް މިފްކޯއިން 35.5 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއަދަދަކީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދާއި އަޅާ ބަލާއިރު %110 އިތުރު އަދަދެކެވެ.
މިފްކޯއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖަނަވަރީ މަހުގެ ފަހު ހަފްތާގައި ވަނީ 309 މަސް ދޯންޏަކަށް 16.9 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. އެހެންކަމުން މި ނިމުނު ހަފްތާގައި މިފްކޯއަށް މަސް ކިރުވާފައިވާ މަސް ދޯނިތަކުގެ އަދަދުވަނީ %46 އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް މިފްކޯއިން ވަނީ ޖުމްލަ 117 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޑިސެންބަރ މަހާއި އަޅާބަލާއިރު %122 އިތުރުވުމެކެވެ. ޑިސެންބަރ މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 52 މިލިޔަން ރުފިޔާއެވެ.
މަސްވެރިންނަށް މިފްކޯއިން 35.5 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހަކީ ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި ދުވަހެވެ. އެގޮތުން އެ ދުވަހު މިފްކޯއިން ވަނީ މަސްވެރިންނަށް 6.5 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
މަހަށް ނިކުންނަ ދޯނިތައް އިތުރުވެފައިވާއިރު، މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޭން ފެށުމުން ދޯނިތަކުން ފޭބި ޒުވާނުން ދޯނިތަކަށް އަނބުރާ އަންނަން ފަށާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މަސްވެރި ސިނާޢަތަށް މިދިޔަ 40 އަހަރު ނުގެނެސްދެވިވާ ތަރައްޤީ މިސަރުކާރުން ގެންނަވަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިދާއިރާގައި ހުރި މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ސަރުކާރުން ދަނީ މިފްކޯއަށްވެސް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން މިފްކޯގެ ހިންގުމަށް ބަދަލުގެނެސް، މިފްކޯއަކީ ފައިދާވާ ދެމެހެއްޓެނިވި ވިޔަފާރިއަކަށް ބަދަލުކުރުން ހިމެނެއެވެ.