ޚަބަރު

ހަފްތާއެއް ތެރޭ ބައިލައްކަ ފަތުރުވެރިން، ކޮންމެ ދުވަހަކު 7،000 އަށްވުރެ ގިނަ ފަތުރުވެރިން


  • މިދިޔަ ހަފްތާތެރޭ ރާއްޖެއަށްވަނީ 55،558 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

  • މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 52،511 ފަތުރުވެރިން

މިދިޔަ ހަފްތާގައި ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާތެރޭ ރާއްޖެއަށްވަނީ 55،558 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 52،511 ފަތުރުވެރިންނާއި އަޅާބަލާއިރު %5 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ހިސާބުތަކަށް ބަލާލާއިރު، އަހަރުގެ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށްވަނީ 9،495 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކުވެސް 7000އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 279،916 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒޔާރަތްކޮށްފައިވާ 251،503 ފަތުރުވެރިންނާ އަޅާ ބަލާއިރު %11.2 އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޗައިނާއިން އަހަރުގެ މިހާތަނަށް ވަނީ ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އަދި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިއާއިންނެވެ.

ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން %69.7 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި %25.4 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓުހައުސްތަކުގައެވެ.

ސަރުކާރުން މިއަހަރަށް ވަނީ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 2 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު 3 ލައްކަ ފަތުރުވެރިން އިތުރު އަދަދެކެވެ.