ކުޅިވަރު

ރާއްޖޭގައި ބާއްވާ މުބާރާތްތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭތޯ ބަލަނީ


މިއަހަރު ރާއްޖޭގައި ބާއްވާ އެކި ކުޅިވަރު މުބާރާތްތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ބާއްވާތޯ ބައްލަވާނެ ކަމަށާއި އެއީ މިއަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއްދީގެން ކުރައްވާނެ އެއްކަންތައް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޠަލާލު ވިދާޅުވީ ކުޅިވަރުން ޤައުމަށް ރީތިނަން ހޯދައިދިނުމަށްޓަކައި ކުޅިވަރާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ކުރައްވާ މަސައްކަތުގައި އެސޯސިއޭޝަންތަކުގެ އެއްބާރުލުން ހޯދާ ކޮމިޝަނަރގެ އޮފިހާއި އެސޯސިއޭޝަންތަކާއި އެކު މަސައްކަތްކޮށް އެއްބާރުލުންދީ ކުރިޔަށް ދިއުމަށް އިސްކަން ދެއްވާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމުން ކުޅިވަރުގެ ޤާނޫނަށް ބަދަލުތަކެއް އަންނާނެ ކަމަށާއި، އެ ބަދަލުތަކާއި ގުޅިގެން ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އެސޯސިއޭޝަންތައް ހިންގުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގައިވެސް މިއަހަރުތެރޭގައި އިސްކަމެއް ދެއްވާނެކަމަށް ޠަލާލް ވިދާޅުވިއެވެ.

"ހަމަ އެގޮތަށް ކުޅިވަރު ކުޅުންތެރިންނާއި ކުޅިވަރުގެ ހިދުމަތްތެރިންގެ، އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް، ވެޓްރެންސް ދަފްތަރެއް އެކުލަވާލާ އެބޭފުޅުންނަށް ލިބިދޭންޖެހޭ ބެނެޕިޓްސްތައް ލިބޭ ގޮތަށް ކަންކަން ރޭވުން" މިއަހަރު ތެރޭގައި ހާއްސަ އިސްކަމެއް ދީގެން ކުރައްވާނެ ކަންތައްތައް ފާހަގަކުރައްވަމުން ޠަލާލް ވިދާޅުވިއެވެ.

އެންމެ ބޮޑަށް ބެއްލެވީ ޤާނޫނީ ގޮތުން އެސޯސިއޭޝަނަތަކުން ކުރަން ހުރިކަންކަން ފުރިހަމަކުރުން ކަމުގައި ޠަލާލު ވިދާޅުވިއެވެ. އެ މައްސަލަތަކަށް ހައްލު ހޯދުމަށް ފަހު އެސޯސިއޭޝަންތަކުގެ ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރިޔަށްދާނެ މަގެއް ދެއްކުމަށް މަސައްކަތް ކުރެވުނު ކަމަށް ޠަލާލު ވިދާޅުވިއެވެ.

ޠަލާލު ވަނީ މަގާމާއި ހަވާލުވުމަށްފަހު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.