ޚަބަރު

ބްރައިޓަން އަތުން ބަލިވެ ޗެލްސީ އެފްއޭ ކަޕުން ކަޓައިފި


އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ބްރައިޓަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 2-1 ގެ ނަތީޖާ އަކުން ޗެލްސީ ބަލިވެ މުބާރާތުން ކަޓައިފި އެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނިޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފައެވެ. މި ލަނޑަކީ ކޯލް ޕާމާ ފޮނުވާލި ބޯޅައެއް ބްރައިޓަންގެ ބާޓް ވާރބްރޫގެން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ބްރައިޓަން އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ އަރިމަތިން ޖޮއެލް ވެލްޓްމަން ނަގައިދިން ހުރަހެއް ޖިއޮޖީނިއޯ ރަޓާރ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ބްރައިޓަން އިން މި މެޗުން މޮޅުވި ލަނޑު މެޗުގެ 57 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކައޮރޫ މިޓޯމާ އެވެ. ނިމިގެންދިޔަ ޖެނުއަރީ ޓްރާންސްފަރ ގައި ސައުދި އަރަބިއްޔާގެ އަލް ނަސްރު އިން އޭނާ ހޯދުމަށް 54 މިލިއަން ޕައުންޑުގެ ހުށައެޅުމެއް ލިބުނު ނަމަވެސް އެ ކްލަބުން ވަނީ އޭނާ ނުވިއްކާނެ ކަމަށް ބުނެފަ އެވެ.

މި ލަނޑު މިޓޯމާ ޖެހުމުގެ ކުރިން ބްރައިޓަންގެ ތާރިގު ލަމްޓޭގެ އަތުގައި ބޯޅަ ޖެހިފައިވާކަމަށްބުނެ ޗެލްސީގެ ކުޅުންތެރިން ވަނީ މައްސަލަ ޖައްސާފަ އެވެ. ނަމަވެސް އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީންގެ ބޭނުން ނުހިފާތީ އެ ކަން އިތުރަށް ރެފްރީ ބަލާފައެއް ނުވެއެވެ.

މި މެޗުގެ ފަހު ވަގުތު މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ޗެލްސީ އަށް ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެންޒޯ ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާ ގޮސްފައިވަނީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗުން ޗެލްސީ ބަލިވެ އެފްއޭ ކަޕުން ކަޓާފައިވާއިރު އަންނަ ހުކުރު ދުވަހު އަނެއްކާވެސް މި ދެ ޓީމު ހަމަ މި ދަނޑުގައި ޕްރިމިއާ ލީގުގައި ބައްދަލުކުރާނެ އެވެ.