ޚަބަރު

"އެއްގެއިން އަނެއްގެއަށް" ކެމްޕެއިންއަށް އާންމުންގެ ބޮޑު ތަރުޙީބެއް!


  • އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭ

  • މިހާތަނަށް 89 ތަކެތި ހަދިޔާ ކުރެވިފައިވޭ

ރަމަޟާން މަހާ ދިމާކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރިއަށްގެންދާ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިންއަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް އެޗްޑީސީއިން ވިދާޅުވެއްޖެއެވެ.

މިމަހުގެ އެކަކުން ފެށިގެން 16 އާއި ހަމަޔަށް ކުރިއަށްގެންދާ މި ކެމްޕޭނުގެ ދަށުން މިހާތަނަށް 89 ތަކެތި ހަދިޔާ ކޮށްފައިވާކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ. އަދި މިހާތަނަށް އެންމެ ގިނައިން ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ، ފަރުނީޗަރުކަމަށްވެސް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗްޑީސީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ހަސަން ޝަހީދު ވިދާޅުވީ، ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ގޭގައި ހިފައިގެންގުޅޭ ސާމާނާއި ފަރުނީޗަރުފަދަ ތަކެތި އައު ކުރުމަކީ ގިނަ ބައެއްގެ ސަޤާފަތެއްކަމަށެވެ. ނަމަވެސް މިގޮތަށް އައު ކުރާ ކުރުމުގައި ބޭނުން ހިފޭ އެއްޗެހިވެސް އުކާލާކަން ފާހަގަކުރެވޭތީ، މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ މިގޮތަށް ހުންނަ ތަކެތި އުކާލުމުގެ ބަދަލުގައި، ބޭނުންޖެހިފައިވާ އެހެން ފަރާތަކަށް ހަދިޔާކުރުމުގެ ފުރުޞަތު ދިނުންކަމަށެވެ.

މިހާތަނަށްވެސް މި ޕްރޮގްރާމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރައްވާ ޝަހީދު ވިދާޅުވީ، މި ޕްރޮގްރާމު މެދުވެރިކޮށް ތަކެތި ހަދިޔާކުރުމަށް މާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްތަކުންވެސް އެޗްޑީސީގެ ހޮޓްލައިންނަށް ގުޅަމުންދާކަމަށެވެ.

"އެއްގެއިން އަނެއްގެއަށް" ކެމްޕޭންގެ އެންމެފަހުގެ ތަފާސްހިސާބު:

* މައުލޫމާތު ސާފުކުރަން ގުޅި އަދަދު: 249
* ތަކެތި ހަދިޔާކުރުމަށް އެދުނު އަދަދު: 86
* ތަކެތި ލިބިފައިވާ އަދަދު: 101
* ތަކެތި ހަދިޔާކުރި އަދަދު: 89

އެޗްޑީސީން ވިދާޅުވީ މި ކެމްޕެއިންގެ މަޤުޞަދަކީ، އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުން ކަމަށެވެ. އަދި މިއީ، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު، ކުނީގެ ގޮތުގައި ނައްތާލަންޖެހޭ ތަކެތި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރުއަޅާ، އިސްރާފް މަދުކުރުމަށް ކުރިޔަށްގެންދާ ކެމްޕޭނެއްކަމަށެވެ.

މި ކެމްޕޭނަށް ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅުމަށް ކުންފުނިން އެދެއެވެ.

އެޗްޑީސީއިން ވިދާޅުވީ މި ކެމްޕެއިންގެ ދަށުން ހަދިޔާކުރާ ތަކެތި ރުއްގަނޑު އެކެއްގައި ބެހެއްޓިފައި ހުންނާނެކަމަށެވެ. އެ ސަރަހައްދުން ބޭނުންވާ ތަކެތި ފާހަގަ ކުރުމުން އެޗްޑީސީގެ ޓީމުން އެ ތަކެތި ހިލޭ ގޭގެއަށް ގެންގޮސްދޭނެކަމަށެވެ.